ޣައްޒާއިން ގާކުނޑި ނަގައި ވަގުތީ ފޭލިގެތައް ޖަހަން 6.5 ބިލިޔަން ޑޮލަރު ބޭނުންވޭ

ޣައްޒާއިން ގާކުނޑި ނަގައި ވަގުތީ ފޭލިގެތައް ޖަހަން 6.5 ބިލިޔަން ޑޮލަރު ބޭނުންވޭ ---

ޣައްޒާ (4 ފެބްރުއަރީ 2025): އިސްރާއީލުން ޣައްޒާއަށް ބޮންއަޅައި ޣައްޒާގެ އިމާރާތްތައް ބިމާހަމަކޮށްލާފައިވާ މިންވަރުގެ ބޮޑުކަމުން ޣައްޒާ އާރާސްތު ކުރަން ފެށުމުގެ ކުރިން އިމާރާތްތަކުގެ ގާކުނޑިތައް ނަގައި ފޭލިގެތައް ޖަހައިގެން ވަގުތީ ހިޔާވަހިކަން ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެކަނިވެސް 6.5 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ޣައްޒާގެ ސަރުކާރާ އަދި ހުޅަނގު އައްސޭރީގައި ގާއިމްކޮށްފައިވާ ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިން ޣައްޒާގެ ހާލަތާބެހޭ އަވަސް ސާވޭއެއް ހެދުމަށްފަހު ބުނެފައިވަނީ ޣައްޒާގެ ގެދޮރުގެ ތެރެއިން 92 އިންސައްތަ ގެދޮރާއި ޣައްޒާގެ 38 ހޮސްޕިޓަލްގެ ތެރެއިން 34 ހޮސްޕިޓަލް ފުޑާލައި ބިމާ ހަމަކޮށްލާފައި ވާކަމަށެވެ.

އިސްރާއީލު ހަލާކުކޮށްލި ޣައްޒާގެ އިމާރާތްތަކުގެ 92 އިންސައްތަ އަކީ ގާތްގަނޑަކަށް ފަސް ލައްކަ އިމާރާތެވެ. މި ފަސް ލައްކައެއްހާ އިމާރާތްތަކުގެ ތެރޭގައި އާންމުންގެ ގެދޮރާއި އެޕާޓްމަންޓް އިމާރާތްތަކުގެ އިތުރުން ވިޔަފާރީގެ އިމާރާތްތަކާއި ސްކޫލްތަކާއި ކްލިނިކްތަކާއި ހޮސްޕިޓަލްތަކާއި އިދާރީ އޮފީސް އިމާރާތްތަކާއި ހޮޓާ ރެސްޓޯރެންޓް، ގެސްޓް ހައުސްއާއި މުވާސަލާތާއި ކަރަންޓާއި ފެންފަދަ ޔުޓީލިޓީ ޚިދުމަތްތަކާބެހޭ އިމާރާތްތަކާއި ކުޅިވަރާއި މުނިފޫހި ފިލުވުމަށް ބޭނުންކުރާ އިމާރާތްތައް ވެސް ހިމެނެއެވެ.

މިއީ ދެވަނަ ބޮޑު ހަނގުރާމައިގާ ޔޫރަޕްގެ ގިނަ ގައުމުތައް ނުވަތަ އެގައުމުތަކުގެ ބޮޑުބައި ހަލާކުވެފައިވާ މިންވަރާ ދާދި އެއްވަރުގެ ހާލަތެކެވެ. ނުވަތަ އެއަށްވުރެ ވެސް އަނިޔާވެރި އަދި ވީރާނާ ހާލަތެކެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް ކުރިފަދަ ލާއިންސާނީ އަނިޔާތަކެއް ދެވަނަ ބޮޑުހަނގުރާމައަށްފަހު އެމެރިކާއިން ވިއެޓްނާމްގެ ރައްޔިތުންނާ ދެކޮޅަށް ނޫނީ ކޮށްފައެއް ނުވެއެވެ. 15 މަސްދުވަހުގެ ގަތުލުއާންމުތަކަށްފަހު އިސްރާއީލުން ހަމަލާތައް ހުއްޓާލިއިރު ޣައްޒާގައި އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ އަދަދު 46 ހާހަށް ވަނީ އަރައިފައެވެ.

ހަމަލާތައް ހުއްޓާލިފަހުން ބެލިބެލުމުން، އިސްރާއީލުން ބޮންއަޅައި ވައްޓާލާފައިވާ ޣައްޒާގެ އިމާރާތްތަކުގެ ދަށުގައިވެސް 14ހާހަށް ވުރެ ގިނަމީހުންގެ މަރުވެފައިވާ ހަށިތައް ހުރިކަންވަނީ އެނގިފައެވެ. އެހަށިތައް މިހާރުދަނީ ނަގަމުންނެވެ. އެހެންކަމުން ޣައްޒާގެ ސަރުކާރު ބުނާގޮތުން އިސްރާއީލުން ޣައްޒާގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދުވަނީ 60 ހާހަށް ވުރެ މައްޗަށް އަރާފައެވެ.

އިސްރާއީލުން މިހުރިހާ ލާއިންސާނީ އަނިޔާތަކެއް ޣައްޒާގެ ރައްޔިތުންނަށް ދިނީ އެމީހުން އެމީހުންގެ އަމިއްލަ ބިން މިނިވަންކުރަން މަސައްކަތްކުރާތީ އެކަން ހުއްޓުވުމަށެވެ. މިނިވަންކަމުގެ ރޫހު ކަނޑުވާލުމަށެވެ. އިސްރާއީލުގެ އަޅުވެތިކަމުން ސަލާމަތްވެ މިނިވަން ދައުލަތެއް އުފެއްދުމަށް ޓަކައި ފަލަސްތީނުން ކުރާ މިނިވަންކަމުގެ ޖިހާދު ހުއްޓުވުމަށެވެ. ނަމަވެސް މިނިވަންކަމުގެ ޖިހާދު ކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުން ފަލަސްތީނަށް ލިބިދޭ ހައްގެކެވެ.

ހަމާސް އިން އޮކްޓޯބަރު ހަތެއްގައި އިސްރާއީލަށް ހަމަލާ ދިނީވެސް އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮވެ ކޮންމެ ދުވަހަކު ފަލަސްތީނުގެ ރައްޔިތުން މަރަމުން ގެންދާތީ އެކަމަށް ރައްދު ދިނުުމުގެ ގޮތުންނެވެ. ޔަހޫދީ މަހުޖަނުން ކޮންޓްރޯލްކުރާ ހުޅަނގުގެ މީޑީއާ ތަކަށް މިހަގީގަތް ހާމަކުރާކަށް ނުކެރެއެވެ.

އިސްރާއީލުގެ މިއަނިޔާވެރިކަމާއި ލާއިންސާނިއްޔާތާއި ޓެރަރިޒަމްގެ ފަހަތުގައި އޮތީ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކެވެ. އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާ ކުރާ މައިގަނޑު ހަތަރު ގައުމަކީ ވެސް ހުޅަނގުގެ ހަތަރު ގައުމެވެ. އެއީ އެމެރިކާ، އިނގިރޭސިވިލާތް ޖަރުމަނު އަދި ފަރަންސޭސިވިލާތެވެ.

ޣައްޒާގެ ސަރުކާރާ އަދި ހުޅަނގު އައްސޭރީގައި ގާއިމްކޮށްފައިވާ ފަލަސްތީނުގެ ވެރިކަމުގެ އިދާރާ ބުނާގޮތުން ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތް ފެށޭނީވެސް ގައުކުނޑިތައް ނަގައި ޣައްޒާގެ ރައްޔިތުންނަށް ވަގުތީ ހިޔާވަހިކަން ލިބިދޭ ފޭލިގެތައް ޖަހައިގެންނެވެ. 6.5 ބިލިޔަން ޑޮރަލު ޚަރަދުވަނީ މިކަންކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު