ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އިމާރާތެއް ހޯދަން މިއަދު އިއުލާނުކޮށްފިއެވެ.
ކުރިން އެންސްޕާ ހިންގަން ކުއްޔަށް ނެގި އޮފީސް އިމާރާތެއްގެ މައްސަލަ އޮތީ ބޮޑުވެފައެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވަނީ، އެ ކަމަށް ޝަރުތުހަމަވާ މީހެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓެޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތީން ކަމަށް ބުނެފައެވެ.
އެގޮތުން، ބީލަމުގައި ބެރިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށާއި މާދަމައިން ފެށިގެން މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ފައިސާ ބަލައިގަންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އޭގެ އިތުރުން، މިކަމާ ގުޅޭ ލިޔެކިޔުންތައް މާދަމައިން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭއިރު، ބީލަން ހުށަހަން ޖެހެނީ ބީލަން ޕޯޓަލް މެދުވެރިކޮށެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 16އެވެ.
ޖުމުލަ 252،000 ރުފިޔާ ބިޑު ސެކިއުރިޓީގެ ގޮތުގައި ދައްކަން ޖެހޭއިރު، އޭގެ މުއްދަތަށް މިނިސްޓްރީން ކަނޑައަޅާފައިވަނީ ބިޑު ހުޅުވާ ދުވަހުން ފެށިގެން 148 ދުވަސް ކަމަށެވެ. އެގޮތުން، ބިޑު ހުޅުވުން އޮތީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު އެކެއް ޖަހާއިރެވެ.
މީގެ ދެ މަހެއްހާ ދުވަސް ކުރިން ސޯޝަލް މީޑިއާގައި ވަނީ އެންސްޕާ ހިންގާ އިމާރާތް ކުއްޔަށް ހޯދުމުގައި ކުރެވުނު މުއާމަލާތާ ގުޅުވާ ތުހުމަތުތަކެއް ކޮށްފައެވެ. ތުހުމަތު ކުރެވުނީ ވަރަށް ފަހުން ފެށި އެމްއެމްޓީވީން ކުއްޔަށް ނަގާފައިވާ އޮފީސް އިމާރާތެއް އެންސްޕާއަށް ކުއްޔަށް ދީފައިވާ ކަމަށެވެ.
އެގޮތުން، އެންސްޕާ ހިންގާ އޮފީސް އިމާރާތެއް ހޯދަން 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާ ކުރިކަމަށް ބުނެ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރިއެވެ. އެ މައްސަލަ ބޮޑުވުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މައްސަލަ ބަލަން ވެސް ފަށައިފައެވެ.
ރައީސް އޮފީސް ދޮރުމަތީ ބައެއް ނޫސްވެރިންނާ އެކު މިދިޔަ ޑިސެމްބަރު 22ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އެންސްޕާގެ ކޮރަޕްޝަން މައްސަަލަ އެނގިވަޑައިގެންފައިވޭތޯ ސުވާލުކޮށްފައެެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މިހާތަނަށް އައިއިރު ވެސް އެންސްޕާއާ ގުޅޭ ކޮރަޕްޝަނެއްގެ އެއްވެސް މައުލޫމާތެއް އެ މަނިކުފާނާ ހަމައަށް ލިބިފައިނުވާ ކަމަށެވެ.
އެންސްޕާއަށް ކުރާ ތުހުމަތުތައް އެ އެޖެންސީން ފުރަތަމަ ދޮގުކުރި ނަމަވެސް ފަހުންވަނީ، އެ އޭޖެންސީ ހިންގަމުންދާ މޫކައި ސުއިޓްސް އިމާރާތް މަރާމާތު ކުރުމަށްޓަކައި ހުސްކުރުމަށް އަންގައިފައިވާތީ، އެ އޭޖެންސީ ހިންގާނެ ތަނެއް ހޯދުމަށް ފިނޭންސް މިނިސްޓްރީގެ އޯޕަން ޓެންޑާއިން ހުޅުވާލައިގެން، އެކަމާ ގުޅުންހުރި ގަވާއިދުތަކާއި އުސޫލުތަކުގެ މަތިން އެމްއެމްޓީވީއަށް އިމާރާތުގެ ފަންގިފިލާތަކެއް ކުއްޔަށް ދިން ކަމަށް އެއްބަސްވެފައެވެ.
އެއާއެކު، އެއްބަސްވުން ބާތިލުކުރަން އެމްއެމްޓީވީން ހުށަހަޅާފައިވާތީ އެ އެޖެންސީން ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރުމަށް އެއްބަސްވުން ބާތިލުކުރަން ނިންމާފައިވާ ކަމަށް އޭރު އެންސްޕާއިން ވަނީ ބުނެފައެވެ.