ކެފޭއެއްގެ ބަދިގެތެރޭގައި ހިންގި މާރަމާރީއެއްގައި ބިދޭސީއަކަށް އަނިޔާވެއްޖެ

ކެފޭއެއްގެ ބަދިގެތެރޭގައި ހިންގި މާރަމާރީއެއްގައި ބިދޭސީއަކަށް އަނިޔާވުން --

މާވެޔޮ މަގުގައި ހުރި ކެފޭއެއްގެ ބަދިގެ ތެރޭގައި މިއަދު ހިންގި މާރާމާރީއެއްގައި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، މާވެޔޮ މަގުގައި ހުރި ކެފޭއެއްގައި މާރާމާރީއެއް ހިންގާފައިވާ މައްސަލައެއް 12:10 ހާއިރު ރިޕޯޓުކުރި ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މާރާމާރީ ހިނގީ ބިދޭސީންތަކެއްގެ މެދުގައި ކަމަށް ބުނެފައިވެއެވެެ.

އެ މާރާމާރީގައި ބިދޭސީއަކަށް އަނިޔާވެފައިވާއިރު، އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

މި މާރާމާރީގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވިޑިއޯގައި ޒަޚަމުވެފައި އިން ފިރިހެނެއް ކެފޭއެއްގައި އިން މަންޒަރު ފެންނައިރު، އެމީހާގެ އަތުގަޔާއި ގަމީހުގައި ލޭހުރި ތަން ފެނެއެވެ.

އިތުރު ފިރިހެނެއް އެމީހާ ކައިރީ ހުރިއިރު، އެ ސަރަަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ. އެހެން ވީޑިއޯއެއްގައި ދެ ފިރިހެނުން ކެފޭގެ ބަދިގެތެރޭގައި މާރާމާރީ ހިންގާތަން ފެންނައިރު، އެ ސަރަހައްދުގައި ލޭ ހުރި ތަން ވެސް ފެނެއެވެ.

ބިދޭސީންގެ މެދުގައި ހިންގާ މާރާމާރީތައް އިތުރުވަމުން އަންނައިރު، މިފަހުން އާޓިފިޝަލް ބީޗުގައި ވެސް ވަނީ މާރާމާރީއެއް ހިންގާފައެވެ. އެހެންވެ، އިމިގްރޭޝަނުން ވަނީ އާންމު ސަރަހައްދުތަކުގައި ބިދޭސީންގެ މެދުގައި ހަމަނުޖެހުން އުފެދޭ ފަދަ ކަންކަން އިތުރުވާތީ، ހަމަނުޖެހުން ހިންގާ ސަރަހައްދުތައް ސިލްސިލާކޮށް މޮނީޓަރުކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ.

comment ކޮމެންޓް