މާލޭ ކޮންމެ މަގަކަށް ނުކުމެވުނު ނަމަވެސް، މިހާރު ފެންނަނީ ބާ ފަރުނީޗަރުތަކާ ކުނިތަކުން މަގުމަތި ފުރާލާފައި ވާތަނެވެ. ރޯދައަށް ގެ ސާފު ކުރުމަށް ފަހު ކުނިތައް މަގުމައްޗަށް އަޅާ މަގުމަތި ގޮނޑު ކޮށްލާފައި ވާ ތަނެވެ.
މިވަގުތު މާލޭގެ ގިނަ މަގުތަކުގެ ހާލަކީ މިއެވެ. ބާ ސޯފާތަކާ، ގޭސް އުނދުނުން ފެށިގެން ތެލިތަށި ވެސް އުކާލަން ނެރެ މަގުމަތީ ބަހައްޓާފައި އެބަހުއްޓެެވެ. މި ކުނިތަކުން ދުވާރު ވެސް ވަނީ ފުރިފައެވެ. މިކަމުގެ ސަބަބުން މަގުމަތީގައި ހިނގާ މީހުން ވަނީ ސޯޝަލް މީޑިއާގައި ޝަކުވާތައް ހިއްސާކޮށްފައެވެ.
މާލޭގެ އެންމެ ބާރުބޮޑު މަގުތައް ކަމަށްވާ މާވެޔޮމަގާއި މަޖީދީމަގުގެ އެކި ހިސާބުތަކުގައި ވެސް ކުނި "ފަރުބަދަތައް" މިހާރު އެބަ ހުއްޓެވެ.
މި ކުނިތަކުގެ ވާހަކަ ސޯޝަލް މީޑިއާގައި ދަނީ ގަދައަށް ދެކެވެމުންނެވެ. އެގޮތުން ގިނަ މީހުން ބުނާ ގޮތުގައި ކުނިތައް ނެރެ މަގުމައްޗަށް އަޅާ މަގު ގޮނޑު ކުރުމުގެ ބަދަލުގައި ފަރުދީ ޒިންމާ އަދާކޮށް އުސޫލުގެ ދަށުން މިކަން ކުރުމުގެ މުހިންމު ކަން ފެންނަނީ މިފަދަ ދަނޑިވަޅުތަކުގައެވެ.
މާލޭގެ މަގުތައް ގޮނޑުވުމާ ގުޅިގެން ވެމްކޯއިން ބުނީ، އެކަން އެ ކުންފުނީގެ ސަމާލުކަމަށް ވެސް އައިސްފައި ވާކަމަށެވެ. އަދި މާލޭސިޓީ ކައުންސިލާ ގުޅިގެން ކުނި ނެގުމުގެ މަސައްކަތް ކުރާއިރު، ކުނި ގިނަ ބައެއް ހިސާބުތަކުން ވެމްކޯއިން އަމިއްލައަށް ވެސް ކުނި ނަގާކަން އެ ކުންފުނިން ފާހަގަ ކުރިއެވެ.
ވެމްކޯއިން ވަނީ މަގުމަށްޗަށް ކުނި އުކުމުގެ ބަދަލުގައި އޮންނަ އުސޫލުގެ ދަށުން އެންމެން ވެސް ކުނި ނައްތާލުމަށް އިލްތިމާސް ކޮށްފައެވެ.