ރިޔާޒް (3 ފެބްރުއަރީ 2025): ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާނު، އެގައުމަށް ވަޑައިގެން އުޅުއްވާ ސޫރިޔާގެ އިންގިތާލީ ރައީސް އަހުމަދުއްޝަރުއު (އަބޫ މުހައްމަދުލް ޖޫލާނީ) އާ ބައްދަލުކުރައްވައިފިއެވެ.
ބިން ސަލްމާން އާއި ޝަރުއުގެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގެ މާބޮޑު ތަފުސީލެއް ސައޫދީ އާއި ސޫރިޔާގެ ރަސްމީ މީޑިއާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޝަރުއު، ބިންސަލްމާންގެ އަރިހުން އެދިވަޑައިގަތް މައިގަނޑު ކަމަކީ ސޫރިޔާގައި ހަމަޖެހުން ގާއިމްކުރުމަށާއި ސޫރިޔާ އަލުން ބިނާކޮށް އާރާސްތުކުރުމަށް ސައޫދީގެ އެއްބާރުލުމާއި މާލީ އެހީ ލިބޭނެ ގޮތް ހަމަޖައްސައި ދިނުންކަމަށް ރިޕޯޓްތައް ބުނެއެވެ.
އަހްމަދުއް ޝަރުއު (އަބޫ މުހައްމަދުލް ޖޫލާނީ) އަކީ ސައޫދީ ސަރުކާރުގެ ގެންގުޅޭ ޓެރަރިސްޓުންގެ ލިސްޓުގައި އޮތް ބޭފުޅެކެވެ. އެއީ އޭނާ އިސްކޮށް ހުންނެވި ހައިއަތު ތަހްރީރު އައްޝާމް (ކުރީގެ ޖަބްހަތުއްނުސްރާ) ޖަމާއަތަކީ އައިއެސް ޖަމާއަތަށް ނިސްބަތްވާ ޓެރަރިސްޓް ޖަމާއަތަކަށް ވެފައި ޝަރުއު އަކީވެސް ޓެރަރިޒަމްގެ އަމަލުތައް ހިންގައިގެން އިރާގުގެ ޖަލުތަކުގައި އަހަރުތަކެއް ހޭދަކުރައްވާފައިވާ ބޭފުޅަކަށްވާތީއެވެ.
މީގެއިތުރުން އޭނާއަކީ އެމެރިކާއާއި ދުނިޔޭގެ އެތައް ގައުމަކުން ގެންގުޅޭ ޓެރަރިސްޓުންގެ ލިސްޓުގެވެސް ކުރީގައި އުޅުއްވާ ބޭފުޅަކަށްވެފައި އެމެރިކާގެ ގުއަންޓެނަމޯ ޖަލުގައިވެސް އަހަރުތަކެއް ހޭދަކުރައްވާފައިވާ ބޭފުޅަކަށްވާތީއެވެ.
ކުރިން އަބޫ މުހައްމަދުލް ޖޫލާނީގެ ނަމުގައި ނުރައްކާތެރި ޓެރަރިސްޓެއްގެ ގޮތުގައި ހުންނެވި ޝަރުއު އަށް އޭނާގެ އަސްލު ނަމުން ނަން ކިޔަންފެށީ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު އޭނާ ސޫރިޔާގެ ވެރިކަން އަތުލެއްވި ހިސާބުންނެވެ. އެއާއެކު ޝަރުއުވަނީ ކުރީގެ ސަލަފީ ތަކްފީރީ ޓެރަރިސްޓުންގެ ޖުއްބާއާއި ފަގުޑި ދޫކޮށްލެއްވުމަށްފަހު ސޫރިޔާގެ އިންތިގާލީ މަރުހަލާގެ ރައީސްކަމުގެ ހުވާ ކުރައްވައިފައެވެ. މިއާއެކު އޭނާގެ ވިސްނުމާއި ފިކުރަށްވެސްވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފައެވެ.
ސައޫދީއަށް ފުރާވަޑައިގަތުމުގެ ކުރިން ޝަރުއުވަނީ ވަނީ 13 އަރުގެ ދާޚިލީ ހަނގުރާމައަށްފަހު ގައުމު އަލުން ބިނާކޮށް އާރާސްތު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ޝަރުއު ވިދާޅުވެފައިވާ ގޮތުގައި ސޫރިޔާ އާރާސްތުކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސައޫދީއާއި ގަލްފުގެ ގައުމުތަކަށް ކަމަށް ވިދާޅުވެފައެވެ.