މިއުޒިކްގެ އެންމެ ނުފޫޒުގަދަ އެއް ތަރި ކަމަށްވާ ބިޔޯންސޭ އޭނާގެ ބޮޑު މިއުޒިކް ޓުއާ އިއުލާނުކޮށްފިއެވެ.
ބިޔޯންސޭގެ އެންމެ ފަހުގެ އަލްބަމް ކަމަށްވާ "ކައުބޯއި ކާޓާ"އަށް ބިނާކޮށް ޓުއާ ފެށުމަށް ނިންމާފައިވާއިރު މި ޓުއާ އިއުލާންކޮށްފައިވަނީ އިންސްޓަގްރާމް ޕޯސްޓެއްގައެވެ.
މިއީ އޭނާގެ އެންމެ ފަހުގެ އަލްބަމަށް ބިނާކޮށް ބާއްވާ ފުރަތަމަ ޓުއާއެވެ. މި އަހަރު ފަށަން ހަމަޖެހިފައިވާ މި ޓުއާގައި އޭނާގެ އަށްވަނަ އަލްބަމް ކައުބޯއި ކާޓާގެ ލަވަތައް ޕަފޯމް ކުރާނެއެވެ. އޭގެ އިތުރުން ކުރީގެ ބައެއް އަލްބަމްތަކުން ވެސް ލަވަތައް ޕަފޯމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޓުއާ އިއުލާނުކޮށްފައިވާއިރު ޓުއާ ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި، ޓުއާ ބާއްވާނެ ސަރަހައްދުތަކެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބޭގޮތުގައި ބިޔޯންސޭގެ ޓުއާ އެމެރިކާގެ އިތުރުން ޔޫރަޕުގެ ބައެއް ގައުމުތަކާއި އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބެލެވޭ ގޮތުގައި މި އަހަރުގެ މެދުތެރޭގައި ބިޔޯންސޭގެ ޓުއާ ފަށާނެއެވެ. އަދި، އަންނަ އަހަރުގެ ކުރީކޮޅާ ހަމައަށް މި ޓުއާ ދެމިގެންދާނެއެވެ.
ކައުބޯއި ކާޓާ ޓުއާ ފެށުމަށް ހަމަޖެހިފައިވާއިރު މިދިޔަ އަހަރުގެ ކުރީކޮޅުގައި ބިޔޯންސޭ ވަނީ އިތުރު ޓުއާއެއް ނިންމާލާފައެވެ. މި ޓުއާއަކީ އޭނާ 2023 ވަނަ އަހަރުގެ ތެރޭގައި ފެށި ޓުއާއެވެ. މި ޓުއާ ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ޓުއާ އިން އެކަނި ވެސް ބިޔޯންސޭ ވަނީ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދާފައެވެ.
ބިޔޯންސޭއާ އެކު އެ ދުވަސްވަރު ޓޭލާ ސްވިފްޓް ވެސް ވަނީ ޓުއާ ދީފައެވެ. ޓޭލާގެ "އެރާސް" ޓުއާއަކީ މި ފަހުގެ ތާރީހުގައި ބޭއްވި އެންމެ ކާމިޔާބު އެއް ޓުއާއެވެ. އޭނާގެ ޓުއާއިން ވަނީ އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައެވެ.