މަކަރުން ފައިސާ ހޯދި މީހެއް އިތުރު ބައެއްގެ އަތުން ފައިސާ ހޯދިތޯ ފުލުހުން ބަލަނީ

"ކެލާ އަހްމަދު"ގެ ނަމުގައި މަކަރުން ފައިސާ ހޯދާ މީހެއްގެ މައްސަލަ ފުލުހުން ބަލަންފަށައިފި --- ފޮޓޯ/ ފުލުހުން

"ކެލާ އަހުމަދު"ގެ ނަމުގައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދި މީހެއް، އިތުރު ބައެއްގެ އަތުން ފައިސާ ހޯދިތޯ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ވަނީ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި މީހެއްގެ ވަނަވަރު އާންމުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ކެލާ ގަހާ، އާދަމް އިރުޝާނެވެ.

މިމީހާ އެކި ފަރާތްތަކާ މުޢާމަލާތްކޮށްފައިވަނީ "ކެލާ އަހައްމަދު"ގެ ނަމުންކަން މިހާތަނަށް ކުރެވުނު ތަހުގީގަށް ހާމަވެފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން އާދަމް އިރުޝާން، މަކަރާއި ހީލަތުުން އެއްވެސް ފަރާތެއްގެ އަތުން ފައިސާ ހޯދާފައިވާނަމަ އެކަމުގެ މައުލޫމާތު ދިއްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 4005022އަށް ނުވަތަ 9791462އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެކި ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. މިކަމާ ގުޅިގެން ފުލުހުން ދަނީ އާންމުން ހޭލުންތެރި ކުރުމުގެ އެކި މަސައްކަތްތައް ވެސް ކުރަމުންނެވެ.

comment ކޮމެންޓް