ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ފޮޓޯ ފަދަ ތަކެތި އުފެއްދޭ އޭއައި ޓޫލްސް ޔޫކޭގައި މަނާކޮށްފި

މިއީ މިފަދަ އޭއައި ޖިންސީ އަނިޔާގެ ކުށްތައް ގާނޫނަކުން މަނާކުރި ދުނިޔޭގެ ފުރަތަމަ ޤައުމު -- ފޮޓޯ: ރޮއިޓާސް

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ފޮޓޯ ތަކާއި، ތަފާތު މެޓީރިއަލްސް އުފައްދާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ވަސީލަތްތައް ބޭނުން ކުރުމަކީ ގާނޫނާ ހިލާފު ކަމަކަށް އިނގިރޭސިވިލާތުން ކަނޑައަޅައިފިއެވެ.

މިއީ މިފަދަ އޭއައި ޖިންސީ އަނިޔާގެ ކުށްތައް ގާނޫނަކުން މަނާކުރި ފުރަތަމަ ޤައުމެވެ.

އިނގިރޭސިވިލާތާއި ވޭލްސްގައި ކުޑަކުދިންގެ ސަރީޙަ ފޮޓޯތައް ގެންގުޅުމާއި، ނެގުމާއި، އުފެއްދުމާއި، ދެއްކުމާއި އަދި ބެހުމަކީ ކުށެކެވެ. އައު ކުށްތަކުގެ ތެރޭގައި އޭއައި ޓޫލްތައް ބޭނުންކޮށްގެން ކުޑަކުދިންގެ އާންމު ފޮޓޯތައް "ނިއުޑިފައި" ކުރުން ހިމެނެއެވެ.

އިންޓަނެޓް ވޮޗް ފައުންޑޭޝަނުން ބުނާ ގޮތުގައި 2024ވަނަ އަހަރު މިފަދަ ސަރީޙަ މެޓީރިއަލްތަކުގެ ރިޕޯޓުތައް ވަނީ ފަސް ގުނަ އިތުރުވެފައެވެ. އޮންލައިން ކުށްވެރިން އިތުރަށް އޭއައި ބޭނުންކޮށްގެން ކުޑަކުދިންގެ އަނިޔާގެ މެޓީރިއަލް އުފައްދަމުންދާތީ މި ފިޔަވަޅު އަޅަން ޖެހުނީ ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.

އިނގިރޭސިވިލާތުގެ އިންޓީރިއާ މިނިސްޓަރު އިވެޓް ކޫޕަ ވިދާޅުވީ، އޮންލައިންގައި ހިންގާ ނުބައި ޢަމަލުތަކުން ގިނަ ފަހަރަށް އެފަދަ ނުރައްކާތެރި އަނިޔާތައް ޙަޤީޤީ ދުނިޔޭގައި ހިންގުމަށް މަގުފަހިވާކަމަށެވެ. އެހެންކަމުން އޮންލައިންގައާއި އޮފްލައިންގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ ހުއްޓުވުމަކީ ވަރަށް މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އައު ކުށްތަކުގެ ތެރޭގައި ކުޑަކުދިންގެ ޖިންސީ އަނިޔާގެ މެޓީރިއަލް އުފެއްދުމަށް ފަރުމާކޮށްފައިވާ އޭއައި ޓޫލްތައް ގެންގުޅުމާއި، އުފެއްދުމާއި އަދި ބެހުން ހިމެނެއެވެ. މީގެ އިތުރުން އޭއައި "ޕީޑޮފައިލް މެނުއަލް"ތައް ގެންގުޅުން ވެސް މަނާކުރެވޭނެއެވެ. މި މެނުއަލްތަކުގައި މި ޓެކްނޮލޮޖީ ބޭނުންކުރާނެ ގޮތުގެ އިރުޝާދުތައް ހިމެނެއެވެ.

އިތުރު ވަކި ކުށެއްގެ ގޮތުގައި ކުޑަކުދިންގެ ޖިންސީ އަނިޔާގެ މެޓީރިއަލް ބަހާ ވެބްސައިޓްތައް ހިންގާ ފަރާތްތައް ޓާގެޓްކުރެވޭނެއެވެ. އަދި ސަރުކާރުން އޮތޯރިޓީތަކަށް ބާރުއަޅާނީ ޑިޖިޓަލް ޑިވައިސްތައް އަންލޮކްކޮށް ބަލައި ފާސްކުރުމަށެވެ.

މި ފިޔަވަޅުތައް ހިމެނޭނީ ކްރައިމް އެންޑް ޕޮލިސިން ބިލު ޕާލިމަންޓަށް ހުށަހަޅާ އިރުއެވެ.

މީގެ ކުރިން މި މަހު އިނގިރޭސިވިލާތުން ވަނީ ޖިންސީ ގޮތުން ސަރީޙަ "ޑީޕްފޭކް"ތައް އުފެއްދުމާއި ބެހުން ވެސް ކުށަކަށް ހަދާނެކަމަށް ބުނެފައެވެ. ޑީޕްފޭކްތަކަކީ އޭއައި ބޭނުންކޮށްގެން ޙަޤީޤީ ކަމަށް ހީވާ ގޮތަށް އުފައްދާ ވީޑިއޯ، ފޮޓޯ ނުވަތަ އޯޑިއޯ ކްލިޕްތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު