ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން މި އަހަރު ފެށުމާ އެކު އަމަލުކުރަން ފެށި އާ އޮނގަނޑާ ޚިލާފަށް ޖެނުއަރީ މަހުގެ މުސާރަ ދިން މައްސަލައިގައި އެ އޮތޯރިޓީގެ މުވައްޒަފުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ހުށަހަޅައިފިއެވެ.
އެ އޮތޯރިޓީގެ މުވައްޒަފުން ރައީސަށް ފޮނުއްވި ސިޓީގައި ވަނީ އެ އޮތޯރިޓީގެ ބޯޑުން ފާސްކޮށްފައިވާ އާ ވަޒީފާގެ އޮނިގަނޑަށް ޖެނުއަރީ 1، 2025ގައި އަމަލުކުރަން ފަށައިފައިވާކަމަށް މުވައްޒަފުންނަށް އަންގާފައިވާ ކަމަށެވެ.
އާ އޮނިގަނޑުގެ ވަޒީފާގެ އެއްބަސްވުންތަކުގައި ހުރިހާ މުވައްޒަފުން ސޮއިކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.
ނަމަވެސް، އާ އޮނިގަނޑާ ޚިލާފަށް މިދިޔަ ޖެނުއަރީ މަހުގެ މުސާރަ ލިބުނީ ކުރީގެ އޮނިގަނޑަށް ކަމަށާއި، އެކަން އެނގުނީ މުސާރަ ލިބުމުން ކަމަށް މުވައްޒަފުން ބުންޏެވެ.
އެކަމާމެދު ސުވާލުކުރުމުން ވަޒީފާގެ އާ އޮނިގަނޑަށް އަމަލުކޮށްފައިވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ލިބެންވާ ހުރިހާ ހުއްދަތައް ނުލިބި ކަމަށް އެ އޮތޯރިޓީން ބުނި ކަމަށް އެ ސިޓީގައި މުވައްޒަފުން ވަނީ ބުނެފައެވެ.
"އަޅުގަނޑުމެންނަކީ ދިވެހިރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މި ދާއިރާ ހިނގާ ނުހިނގާ ގޮތް ބެލުމުގެ ގާނޫނީ ޒިންމާ ހަވާލުކުރެވިފައިވާ މުއައްސަސާކަމުގައި ވާތީ، އެކަމުގައި ހުރި ހައްސާސްކަމާއި ހުރި ކަންބޮޑުވުންތަކުގެ ސަބަބުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފުން މަނިކުފާނާ ބައްދަލުކުރަން ބޭނުންވޭ،" އެ ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީގައި މުވައްޒަފުން ވަނީ އެ މައްސަލައިގައި ރައީސް މުއިއްޒާ ބައްދަލުކުރައްވަން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި، ވީ އެންމެ އަވަސް ފުރުސަތެއްގައި އެޕޮއިންޓްމަންޓެއް ހަމަޖައްސައިދިނުމަށް ވަނީ އެދިފައެވެ.