ކުށުގެ ރިކޯޑު އޮތް މީހަކު ޖުވެނައިލް ކޯޓުގެ އަނބުގަހުން ވަގަށް އަނބު ބިނދެގެން 64 ވަނަ ފަހަރަށް އިއްޔެ ހައްޔަރުކޮށްފިއެވެ.
އެއީ، އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ކުރަނީ ވައްކަން ކުރިކަމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި ފާރު މައްޗަށް އަރައިގެން ޖުވެނައިލް ކޯޓުގެ އަނބުގަހުން އަނބު ބިނުމަށްފަހު ދާން އުޅެނިކޮށް، އެކަން ތަކުރާރު ނުކުރުމަށާއި، އަނބުތައް ބަހައްޓާފައި ދިޔުމަށް އެ ތަނުގައި ތިބި ސެކިއުރިޓީން ބުނުމުން ވެސް އޭނާ ވަނީ ގޮސްފައެވެ. އެ ތަނުން ދަނިކޮށް ފުލުހުން ހުއްޓުވާފައިވާ ކަމަށް އޭނާ ޝަރީއަތުގައި ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
އޭނާގެ ބަންދުގެ ލޮގަށް ބަލާއިރު އެކި ފަހަރު މަތިން 63 ފަހަރު މީގެ ކުރިން ހައްޔަރުކޮށްފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ. އޭގެ ތެރެއިން 30 ފަހަރު ބަންދަށް ބަދަލުކޮށްފައިވާ ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މީގެ ކުރިން އޭނާ އެންމެ ގިނައިން ހައްޔަރުކޮށްފައިވަނީ ވެސް ވައްކަމުގެ މައްސަލަތަކުގައި ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، ބަންދުގައި ބެހެއްޓުމަށް ސަބަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައެވެ.
މީގެ އިތުރުން ވެސް ވަގަށް އަނބު ބިން މައްސަލައިގައި އިއްޔެ ވަނީ އިތުރު މީހަކަށް ބަންދުގެ މުއްދަތު ޖަހައިފައެވެ.
އެއީ، އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ވެސް ކުރަނީ ވައްކަން ކުރިކަމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި އިއްޔެ 05:25 ކަށްހާއިރު ފެކަލްޓީ އޮފް ހެލްތު ސައިންސް ކައިރިން އޭނާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ އަނބު އަޅާފައިވާ ދަބަހެއް ގެންގުޅުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ. އެއާއެކު ސީނުން އޭނާ ހުއްޓުވައި ފުލުހުން ސުވާލުކުރުމުން އަނބު ބިނީ ފެކަލްޓީ އޮފް ހެލްތު ސައިންސް އިމާރާތުގެ ގޯތި ތެރޭގައި ހުރި ގަހުން ކަމަށާއި، އަނބު ބިނދެފައިވަނީ ސެކިއުރިޓީގެ ހުއްދަ ލިބިގެން ކަމަށް އޭނާ ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
ނަމަވެސް، ސެކިއުރިޓީއާ ސުވާލުކުރުމަށް ފުލުހުން ދިޔުމުން އެތަނުގައި އެއްވެސް ސެކިއުރިޓީއެއް ނެތްކަމަށް ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓުގައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި ފުލުހުން ސުވާލުކުރުމަށް ދިޔަ ވަގުތު ސެކިއުރިޓީ އެތަނުގައި ނެތީ ސެކިއުރިޓީ ބަލަހައްޓާ ބޭބެ ފަތިސް ނަމާދަށް ދިޔަ ގަޑިއާ ދިމާވުމުން ކަމަށް ޝަރީއަތުގައި އޭނާ ބުނެފައިވާ ކަމަށް އަމުރުގައިވެއެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، ބަންދުގައި ބެހެއްޓުމަށް ސަބަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައެވެ.