އިންގްލިޝް ޕްރިމިއާ ލީގުގައި ތާވަލްގެ އެއްވަނައިގާ އުޅޭ ލިވަޕޫލާއި ބޯންމޯތު ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގައި އެ ޓީމުގެ ލީޑު ފުޅާކޮށްފިއެވެ.
ބޯންމޯތުގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައިވަނީ 0-2 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ލިވަޕޫލުން އުފެއްދި ނަމަވެސް ބޯންމޯތުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކައި ލިވަޕޫލް ހާސްކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލިވަޕޫލުން ލީޑު ނަގާފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައި ލިބިގެންދިޔަ ޕެނަލްޓީ އަކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. މި ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ބޯންމޯތުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ލިވަޕޫލަށް ނުރައްކާކުރި ނަމަވެސް އެ ޓީމުގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ ސަލާހް އިތުރު ލަނޑެއް ޖަހާލިވަޕޫލްގެ ލީޑު ފުޅާކޮށްދިން ތަނެވެ.
މިއީ މިފަހަރު ލީގުގައި ސަލާހް ކާމިޔާބުކުރި 21ވަނަ ލަނޑެވެ. އަދި މި ލަނޑާއެކު އޭނާ މިވަނީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ 178 ލަނޑާއެކުއެވެ. ކުރިން ހަވަނައިގާއޮތީ 177 ލަނޑާއެކު ކުރީގެ ކުޅުންތެރިޔާ ފްރޭންކް ލެމްޕާޑެވެ.
މި ކާމިޔާބީއާއެކު ލިވަޕޫލް މިހާރު ތާވަލްގެ އެއްވަނައިގާ އުޅެނީ 23 މެޗުން ލިބިފައިވާ 56 ޕޮއިންޓާއެކުއެވެ. އަދި މިއާއެކު ލިވަޕޫލްއިން މިވަނީ ނުވަ ޕޮއިންޓްގެ ލީޑެއް ވެސް ނަގައިފައެވެ. މި މެޗުން ބަލިވުމުން ބޯންމޯތު އުޅެނީ 40 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ.