ތުލުސްދުއަށް ބަދަލު ކުރަން އެދުނު ހިރިމަރަދޫ ރައްޔިތުން ބަދަލުކުރާނީ ހަނިމާދުއަށް

ރައީސް މުއިއްޒު ހިރިމަރަދޫ ކައުންސިލާއެކު: ސަރުކާރުން ނިންމީ އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން -- ފޮޓޯ/ ރައީސް އޮފީސް

ހދ. ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން އެ ރަށު ކައުންސިލުން ސަރުކާރުން އެދިފައިވަނިކޮށް، އެ ރަށުގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ނުވައެއްގައި ހިރިމަރަދޫ ކައުންސިލުން ވަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ބައްދަލުކޮށް، އެ ރަށުގެ ރައްޔިތުން ބޭނުންވަނީ ތުލުދުސްދުއަށް ބަދަލުވާން ކަމަށް ބުނެފައެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުން އެދުނު ގޮތަށް، އެރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.

އެ ބަދަލާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެެ.

މި ކަމާ ގުޅިގެން ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު މީގެ ކުރިން "ސަން"އަށް ވިދާޅުވީ، އެ ރަށުގެ ރައްޔިތުން ބޭނުންވަނީ މާލެ ސަރަހައްދުގެ ރަށަކަށް ހިޖުރަކުރަން ކަމަށެވެ. އެ ގޮތުން، ތުލުސްދޫ ޚިޔާރުކޮށްފައިވަނީ އެ ރަށަށް ހިޖުރަކުރެވޭ ވަރަށް ބިން އޮތުމުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ވަހީދު ވިދާޅުވެފައިވާ ގޮތުގައި ހިރިމަރަދޫ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެ ވާހަކަ ދެންނެވުމުން އެ މަނިކުފާނު ވަނީ، އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތުލުސްދުއަށް ހިޖުރަކުރެވޭނޭކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ހިރިމަރަދޫގެ އާބާދީއަކީ 589 އެވެ. އެހެން ނަމަވެސް އެ ރަށު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ރަށް ދޫކޮށް ހިޖުރަކޮށްފައެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ހަނިމާދޫގެ އާބާދީ 2,645އަށް އަރައެވެ.

comment ކޮމެންޓް