ރާޖާމޮލީގެ ފިލްމަށް ޕްރިޔަންކާ ސޮއިކުރީ 3.5 މިލިއަށް ޑޮލަރަށް

އިންޑިއާގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭ ހިމެނޭ އެސް އެސް ރާޖާމޮލީ, ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހިމަނައިގެން އުފައްދާ ފިލްމުން ޕްރިޔަންކާއަށް 30 ކްރޯޑު ރުޕީސް (3.5 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބޭ ކަމަށް ފިލްމީ ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މިއީ މިހާތަނަށް ފިލްމަކުން އިންޑިއާގެ ބަތަލާއަކަށް ލިބޭނެ އެންމެ ބޮޑު އަގެވެ. ސައުތު ސިނަމާގެ ކާމިޔާބު އެކްޓަރު މަހޭޝް ބާބޫއާ އެކު ޕްރިޔަންކާ ކުޅޭ މި ފިލްމު ރަސްމީކޮށް އިއުލާނުކޮށްފައި ނެތް ނަމަވެސް ފިލްމުގެ މަސައްކަތް އިންޑިއާގައި ވަނީ ފަށާފައެވެ.

މިހާތަނަށް ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނެތީ ވެސް ޕްރިޔަންކާއަށް ދޭން ކަނޑައަޅާފައިވާ އަގާ މެދު އެއްބަސްވުމަކަށް އާދެވިފައިނެތުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސައުތު ސިނަމާގެ މަގުބޫލު އެކްޓަރު މަހޭޝް ބާބޫ އަދި ބަތަލާ ޕްރިޔަންކާ ޗޯޕްރާ--ފޮޓޯ/ފޭސްބުކް

އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ފިލްމީ ތަރިންނަށް އަގު ކަނޑައަޅާއިރު ދެ ޖިންސުގެ މެދުގައި ތަފާތުކުރުން ގެންގުޅުމަކީ އަބަދު ވެސް ބަހުސްކުރެވޭ މައުޟޫއެއް ކަމުން ބަތަލާ ޕްރިޔަންކާއަކީ އެކަމާ ދެކޮޅަށް އެންމެ ގިނައިން އަޑުއުފުލާ ވަކާލާތު ކުރާ އެއް ބަތަލާއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ އަގު ބަތަލާއަށް ލިބިއްޖެނަމަ ޕްރިޔަންކާ ވާނީ މިހާތަނަށް ފިލްމު އިންޑަސްޓްރީގައި އެންމެ ބޮޑު އަގުގައި ފިލްމު ކުޅެދޭ އިންޑިއާގެ ބަތަލާއަށެވެ. ބޮލީވުޑްގައި ކާމިޔާބު ފިލްމީ ކެރިއަރެއް ބިނާކުރުމަށް ފަހު ޕްރިޔަންކާއަކީ މިހާރު ހޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާއެކެވެ.

ޕްރިޔަންކާ އެންމެ ފަހުން މަސައްކަތް ނިންމާލި ހޮލީވުޑް ފިލްމުތަކުގެ ތެރޭ "ހެޑްސް އޮފް ސްޓޭޓް"، "ދަ ބްލަފް" އަދި އެމޭޒަން ޕްރައިމްގެ ސީރީޒް "ސިޓަޑެލް"ގެ ދެވަނަ ސީޒަން ހިމެނެއެވެ.

comment ކޮމެންޓް