ކުއާލަލަންޕޫރު (30 ޖަނަވަރީ 2025): ޣައްޒާގެ ރައްޔިތުންގެ ކެތްތެރިކަމާއި ހިއްވަރުގަދަކަމާމެދު ފަޚުރުވެރިވާކަމަށާ އެމީހުންނަށް އެހީވުމަށް ބޮޑު ޕްރޮގްރާމެއް މެލޭޝިއާއިން ފަށައިފިކަމަށް އެގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އިއުލާން ކުރައްވައިފިއެވެ.
ކުއާލަލަންޕޫރުގައި ދެއްވި ބަޔާނެއްގައި އަންވަރު ވިދާޅުވީ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަކީ ދީނީ އަދި އިންސާނީ ވާޖިބެއްކަމަށެވެ. އެކަމުގައި މެލޭޝިއާއަށް ކޮށްދެވޭ ކޮންމެ ކަމެއް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ހިންގަން މެލޭޝިއާ ރާވާފައިވާ ޕްރޮގްރާމުގައި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މިސްކިތްތަކާއި ގެދޮރާ އަދި ޔުނިވާސިޓީއެއްގެ އިމާރާތް ބިނާކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން ޣައްޒާއަށް ޑޮކްޓަރުންނާއި ނަރުހުންނާއި ފަންނީ މީހުން ފޮނުވުން ވެސް ހިމެނެއެވެ.
ބޭހާއި ކާބޯތަކެއްޗާއި ރަޖައާއި އަންނައުނާއި ސާފުތާހިރުވާނެ ސާމާނުތައް ފޮނުވުން ވެސް މި ޕްރޮގްރާމުގައި ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އަންވަރު ވިދާޅުވިގޮތުގައި މިކަންކުރާނީ މެލޭޝިއާ ސަރުކާރާއި މަދަނީ ޖަމިއްޔާތަކާއި ކުންފުނިތަކާ އަދި ރައްޔިތުން ވެސް ބައިވެރިވެގެންނެވެ.
ޣައްޒާ އާރާސްތުކުރުމަށް މެލޭޝިއާ ހިންގާ ދެވަނަ ޕްރޮގްރާމުގައި ޖަޕާން ވެސް ބައިވެރިވާނެކަމަށް އަންވަރު ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ ޣައްޒާގެ އިންފްރާސްޓްރަކްޗާ ބިނާކޮށްދިނުންކަމަށް އޭނާ ވިދާޅުވިއެވެ. ދެވަނަ ޕްރޮގްރާމާބެހޭ މާބޮޑު ތަފުސީލެއް ނުދެއްވައެވެ.
އިސްރާއީލު ވަނީ ޣައްޒާގެ އިމާރާތްތަކުގެ 92 އިންސައްތަ ތަޅައި ބިމާހަމަކޮށްލާފައެވެ. އެއީ ގާތްގަނޑަކަށް ހަތަރު ލައްކައަށްވުރެ ގިނަ އިމާރާތެވެ. އޭގެތެރޭގައި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މިސްކިތްތަކާއި ގެދޮރާ އަދި ޔުނިވާސިޓީތަކުގެ އިތުރުން އޮފީސް އިމާރާތްތައް ހިމެނެއެވެ. ޣައްޒާގައިވާ 38 ހޮސްޕިޓަލްގެ ތެރެއިން 34 ހޮސްޕިޓަލް އިސްރާއީލުން ވަނީ ހަލާކުކޮށްލާފައެވެ. ސަތޭކައެއްހައި ކްލިނިކް ވަނީ ހަލާކުކޮށްލާފައެވެ. އެތަށް ސަތޭކަ ސްކޫލެއް ވަނީ ހަލާކުކޮށްލާފައެވެ. 47 ހާހަށްވުރެ ގިނަމީހުން ވަނީ ޝަހީދުކޮށްލާފައެވެ. 130 ހާސްމީހުން ވަނީ ޒަޚަމްކޮށްލާފައެވެ.
މިއީ ދެވަނަ ބޮޑު ހަނގުރާމައިގާ ޖަރުމަނުގެ ޚުދުމުޚްތާރު ވެރިޔާ އެޑޮލް ހިޓްލަރާއި އިޓަލީގެ ޑިކްޓޭޓަރު ބިޓީނޯ މޮސިލީނީ ފަދަ ޔޫރަޕްގެ ނާޒިމާއި ފޭޝިޒަމް އިން ވެސް ހިންގާފައިވާ ނުވާވަރުގެ ބޮޑެތި ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކެވެ.
އިސްރާއީލުގެ މިޖަރީމާތަކަށް އެހީވީ އިންސާނީ ހައްގުތައް ސިޔާސީ ހަތިޔާރަކަށް ހަދައިގެން، އިންސާނީ ހައްގުތަކުގެ ނަމުގައި ދެމިންގަނޑު ގެންގުޅޭ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކެވެ. އިންސާނީ ހައްގުތަކުގެ ނަމުގައި ބާރާއި ނުފޫޒު ހިންގާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ.
އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު މިބާވަތުގެ ޖަރީމާތައް ދުނިޔޭގައި ހިންގުމާ ދެކޮޅަށް ވަކާލާތުކުރި ގައުމުތަކެކެވެ. ނަމަވެސް އިސްރާއީލާ ޖެހުމުން ޔޫރަޕާއި އެމެރިކާ ވަނީ އެކަން އެއްކޮށް ހަނދާން ނައްތާލައިފައެވެ.
ހިޓްލަރުގެ އުސޫލުން އިސްރާއީލުން ޣައްޒާގައި ޖަރީމާތަކާއި ގަތުލުއާންމުތައް ހިންގުމުން އެމެރިކާއާއި ޔޫރަޕްވަނީ އެކަން ގަބޫލުކޮށް އިސްރާއީލު ދިފާއުކޮށްފައެވެ. މިނިވަންކަމަށް ގޮވާލާ އެމެރިކާއާއި ޔޫރަޕުން ވަނީ މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނު މީހުންނަކީ ޓެރަރިސްޓުންކަމަށް ހަދައި ފަލަސްތީނުގެ މިނިވަންކަމަށް އިންކާރުކޮށް އިސްރާއީލުގެ އަޅުވެތިކަމަށް ވާގިވެރިވެފައެވެ.
ފަލަސްތީނު އަޅުވެތިކޮށް ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގި ހޮލޮކޯސްޓަށް އެހީތެރިވެ އެއީ އިސްރާއީލުގެ އަމިއްލަ ނަފުސުގެ ދިފާއުކަމަށް ސިފަކޮށްފައެވެ. މުހައްލިލުން ދެކޭގޮތުގައި މިކަމުގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގެ ވެލިއުސްތަކުގެ އަގު ވަނީ ވެއްޓިފައެވެ. މުޅި ހުޅަނގުވަނީ އިތުބާރު ގެއްލި އަގުވެއްޓި އަޚްލާގީ ގޮތުން މުޅިން ބޭޒާރު ވެފައެވެ.