ލިވަޕޫލަށް 100 ޕަސެންޓް ރިކޯޑް ދެމެހެއްޓޭގޮތެއްނުވި

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ޕީއެސްވީ އެއިންދުހޯވެން އާއި ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން: މި މެޗުން ބަލިވެ، ލިވަޕޫލްގެ 100 ޕަސެންޓް ރެކޯޑް ވަނީ ގެއްލިފައި -- ފޮޓޯ/ ރޮއިޓާސް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ޕީއެސްވީ އެއިންދުހޯވެން އަތުން ބަލިވެ, ލިވަޕޫލަށް ސައްތަ އިން ސައްތަ ރިކޯޑު ގެއްލިއްޖެއެވެ.

ލީގު ފޭސްގެ ފަހު މެޗަށް ރަށުން ބޭރުގައި ޕީއެސްވީއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް ބަލިވެފައިވަނީ ތިން ލަނޑު ދެ ލަނޑުންނެވެ. މިމެޗަށް ނުކުތްއިރު ސައްތަ އިން ސައްތަ ރިކޯޑެއް މިމުބާރާތުގައި ދަމަހައްޓަމުން އައި ހަމައެކަނި ޓީމަކީ ލިވަޕޫލްއެވެ.

ލިވަޕޫލްގެ ފަރާތުން ގިނަ ބަދަލުތަކަކާއެކު ނުކުތް މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްވީއިންނެވެ. ނަމަވެސް މިއާއެކު ވެސް މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައިވަނީ ލިވަޕޫލްއިންނެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކޯޑި ގަކްޕޯއެވެ. ނަމަވެސް މިލަނޑު ޖެހިތާ ހަތް މިނެޓް ފަހުން ޖޯހާން ބަކަޔޯބޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މިމެޗުގައި ލިވަޕޫލްއިން ކާމިޔާބުކުރި ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 40 ވަނަ މިނެޓުގައި ހާވީ އެލިއަޓް އެވެ. ނަމަވެސް ޕީއެސްވީއިން ވަނީ މެޗުގެ 45 ވަނަ މިނެޓުގައި އިސްމާއީލް ސައިބާރީ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައެވެ. އަދި މިމެޗުން ޕީއެސްވީ މޮޅުކޮށްދިން ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ރިކާޑޯ ޕެޕީއެވެ.

ފުރަތަމަ ހާފުގައި ފަސް ލަނޑު ފެނުމާއެކު ދެވަނަ ހާފުގައިވެސް ލަނޑުތަކެއް ފެންނާނެ ކަމަށް ހީކުރެވުނު ނަމަވެސް މިހާފުގައި އިތުރު ލަނޑެއް ދެޓީމުން ކުރެ އެއްވެސް ޓީމަކަސް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި މިހާފުގައި ފެނުނީ ލިވަޕޫލްގެ ބަދަލު ކުޅުންތެރިޔާ އަމާރާ ނާލޯއަށް މެޗުގެ 87 ވަނަ މިނެޓުގައި ސީދާ ރަތް ކާޑެއް ދެއްކި ތަނެވެ.

މިމެޗުން މޮޅުވުމާއެކު ޕީއެސްވީ ޕީގު ފޭސް ނިންމާލާފައިވަނީ 14 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައި އޮވެގެންނެވެ. އަދި ލިވަޕޫލް މިމެޗުން ބަލިވުމާއެކުވެސް ލީގު ފޭސް ނިންމާލާފައިވަނީ 21 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އޮވެގެންނެވެ.

މިމުބާރާތުގައި އެސްޓަން ވިލާ އާއި ސެލްޓިކް ބައްދަލު ކުރި މެޗު ހަތަރު ލަނޑު ދެ ލަނޑުން ކާމިޔާބުކޮށް ވިލާއިން މިވަނީ ފަހު 16 ޓީމުގެ ބުރުން ސީދާ ޖާގައެއް ކަށަވަރު ކޮށްފައެވެ. މިމެޗުގައި ވިލާގެ ތަރިއަކަށްވީ މޯގަން ރޯޖާސްއެވެ. އޭނާ ވަނީ މިމެޗުގައި ވިލާއަށް ހެޓްރިކެއް ހަދައިދީފައެވެ.

މިމެޗުގައި ވިލާއިން ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އޮލީ ވޮޓްކިންސްއެވެ. ސެލްޓިކުން ކާމިޔާބުކުރި ދެ ލަނޑު އެޓީމަށް ޖަހައިދިނީ އެޑަމް އިޑާއެވެ. މިކާމިޔާބީ އާއެކު ވިލާއިން ލީގު ފޭސް ނިންމާލާފައިވަނީ 16 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައި އޮވެގެންނެވެ. އަދި ސެލްޓިކް އުޅެނީ 12 ޕޮއިންޓާއެކު ތާވަލްގެ 21 ވަނައިގައެވެ. އެހެން ކަމުން ސެލްޓިކް ލައްވާލާފައިވަނީ ޕްލޭ އޮފް ޖާގައިގައެވެ.

މީގެއިތުރުން ބެންފިކާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗު ރަށުން ބޭރުގައި ދެ ލަނޑު ސުން ލަނޑުން ކާމިޔާބުކޮށް ބެންފީކާއިންވެސް ވަނީ ޕްލޭ އޮފްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މިމެޗުގައި ބެންފީކާގެ ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވެންޖެލީސް ޕަވްލިޑީސް އާއި އޯކުމް ކޮކްޗޫއެވެ. މިކާމިޔާބީއާއެކު ބެންފީކާ ލީގު ފޭސް ނިންމާލީ 13 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައި އޮވެގެންނެވެ. އަދި ޔޫވޭ ނިންމާލީ 12 ޕޮއިންޓާއެކު 20 ވަނައިގައި އޮވެގެންނެވެ.

comment ކޮމެންޓް