އަނެއްކާވެސް ޓްރާންސްފޯމަރުތަކުން ވައްކަންކުރަން އުޅުނު މައްސަލައެއް؛ ސީސީޓީވީން ފެނުނު މީހާ ހައްޔަރުކޮށްފި

ސްޓެލްކޯ ހެޑްއޮފީސް: އަނެއްކާވެސް ޓްރާންސްފޯމަރުތަކުން ވައްކަންކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ --

ރޭ ދަންވަރު މާފަންނު މަދަރުސާ ސަރަހައްދުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު ސަބްސްޓޭޝަނަށް ވަދެ ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ޓްރާންސްފޯމަރުތަކުން ވައްކަންކުރާ މައްސަލަ މިހާރު ވަރަށް ބޮޑެވެ.

ސްޓެލްކޯއިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ އެކަން ހިނގާފައި ވަނީ ރޭ ދަންވަރު 2:50 ހާއިރު މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި އެ ކުންފުނީގެ ޓްރާންސްފޯމަރު ސަބްސްޓޭޝަންގައި ކަމަށެވެ.

އެ ކުންފުނިން ބުނީ އެތަނަށް ވަދެ، ވައްކަމުގެ އަމަލެއް ހިންގަން އުޅުނު މީހަކު ސީސީޓީވީ ކެމެރާއިން ފެނި، ފުލުހުންނަށް އެންގި ކަމަށެވެ. އަދި އެމީހާ ހައްޔަރުކުރި ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯގެ މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން މޮނިޓާކުރެވޭ ތަންތަން ނަމަވެސް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަންފަދަ ތަންތަނުން ކުރެވޭ އެފަދަ ވައްކަންތައް ހުއްޓުވުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުން، އެކަމަކީ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ދެނެގަނެ، އެފަދަ އަމަލުތަކުން ދުރުހެލިވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ އެފަދަ ވައްކަންތަކުން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ ފަރާތްތައްވެސް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

މި މަހުގެ 15ގައި ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ޓްރާންސްފޯމަރަކުން މީހަކު ވައްކަން ކުރަނިކޮށް، އެތަނަށް ގޮސް އެކަން ހުއްޓުވި ސްޓެލްކޯގެ މުވައްޒަފުންނަށް ހިތްވަރުދިނުމުގެ ގޮތުން އެ ކުންފުނިން ވަނީ ''މެޑަލް އޮފް ބްރޭވަރީ" ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް