އިގުތިސާދީ ގޮތުންނާއި ކަނޑުގެ ސަލާމަތީ ކަންކަމުގައި ރާއްޖެއާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރުމަށް، ދެގައުމުގެ ދެމެދުގައި އެކުލަވާލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި މިއަދު މަޝްވަރާ ކޮށްފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީގައެވެ.
އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްވާފައި އިރުޝާދުގެ ދަށުން، ދެ ގައުމުން އިގުތިސާދީ އަދި ކަނޑުގެ ސަލާމަތީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން އެކުލަވައިލާފައިވަ ހައި ލެވެލް ކޯ ގްރޫޕުގައި ބޭއްވި ފުރަތަމަ ބައްދަލުވުން ކަމަށެވެ.
މި ބައްދަލުވުމުގައި ވަނީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި، ޑިޖިޓަލް އަދި ފައިނޭންސާއި، ސިއްހީ ދާއިރާއާއި، ދިފާއީ އަދި ކަނޑުގެ ސަލާމަތާބެހޭ ކަންކަމާއި މީހުން ތަމްރީނު ކުރުމުގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ރަނގަޅު ކުރުމާއި ސަރަހައްދީ އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފައެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ، ދެ ގައުމުގެ ލީޑަރުން ވެސް އަންގަވާފައިވާ ގޮތަށް، ކުރިޔަށް ދިއުމަށް ދެ ގައުމުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.
މި މަޝްވަރާތަކުގެ ދެވަނަ ހައި ލެވެލް ކޯ ގްރޫޕު މީޓިން ބޭއްވުމަށް އެއްބަސްވެފައި ވަނީ އަންނަ އޭޕްރީލުގައި އިންޑިއާގެ ނިއުދިއްލީގައެވެ.
ރާއްޖެއާއި އިންޑިއާއަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، ދެ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް އިތުރަށް ގުޅުން ބަދަހިކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް މުއިއްޒު ވަނީ މި ފަހުން ވެސް ވިދާޅުވެފައެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުން ގޯސްވީ ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު 2023ވަނަ އަހަރު އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލްމީޑިއާގައި ކުޑައިމީސްކުރި މައްސަލައިގައެވެ.
މިކަމުގެ ސަބަބުން އިންޑިއާއިން ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު ވެސް ވަރަށް ބޮޑަށް ދަށްވެގެން ދިޔައެވެ.
ނަމަވެސް ދިވެހި ސަރުކާރުން ފަހުން ވަނީ އިންޑިއާއާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހި ކޮށްފައެވެ. އަދި ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.