މިދިޔަ 2024ވަނަ އަހަރު ސުޕްރީމް ކޯޓުން 54 މައްސަލައެއް ރަޖިސްޓާކޮށްދީ، 63 މައްސަލައެއްގައި ހުކުމްކޮށްދީފައި ވާކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ކޯޓުން ވަނީ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް މިއަދު އާންމުކޮށްފައެވެ.
އޭގައިވާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅައިފައިވަނީ މައްސަލަ ހުށަހެޅުމުގެ ހުއްދައާމެދު ގޮތެއް ކަނޑައަޅަންޖެހޭ މައްސަލަތަކެވެ. އެ ގޮތުން 2023ވަނަ އަހަރު ގޮތެއް ކަނޑައެޅިފައިނުވާ 12 މައްސަލައައާއެކު 2024ގައި އެ ބާވަތުގެ 149 މައްސަލަ ކޯޓަށް ހުށަހަޅާފައި ވެއެވެ.
ސުޕްރީމް ކޯޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި އޭގެ ތެރެއިން މިދިޔަ އަހަރު ގަޒިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވިފައިވަނީ 54 މައްސަލައެކެވެ. އަދި 2023ވަނަ އަހަރު ނުނިމި އޮތް 99 ގަޒިއްޔާއާއެކު، މިދިޔަ އަހަރު އެ ކޯޓުން ގޮތް ކަނޑައަޅަންޖެހެނުނު ގަޒިއްޔާގެ އަދަދުވަނީ 153އަށް އަރައިފައެވެ. އޭގެ ތެރެއިން މިދިޔަ އަހަރު 63 ގަޒިއްޔާއެއްގައި ގޮތް ކަނޑައެޅިއިރު، ހަ މައްސަލައެއް އޮތީ ހުށަހެޅު ފަރާތުން އަނބުރާ ގެންގޮސްފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 126 ހުކުމެއް ކުރެވިފައިވާ ކަމަށް އެ ހިސާބުތަކުން ދައްކާއިރު، އޭގެ ތެރޭގައި ހިމެނެނީ ޖިނާއީ 11 ހުކުމާއި، މަދަނީ 48 ހުކުމާއި، އެއް ދުސްތޫރީ ހުކުމާއި ތިން އިންތިޚާބީ ހުކުމެކެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް 84 މައްސަލައެއް ނުނިމި އެބަ އޮތެވެ.
ސުޕްރީމް ކޯޓަކީ ޝަރުއީ އެންމެ މަތީ ކޯޓެވެ.
އެ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ގާނޫނުއަސާސީއާ ޚިލާފުވެފައިވާ ކަމަށް ބުނެ ހުށަހެޅޭ މައްސަލަތައް ވެސް ބަލާނީ ސުޕްރީމް ކޯޓުންނެވެ.
އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަނުދިނުމާއި އެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އަމުރުތައް ނެރުމުގެ ބާރު އެ ކޯޓަށް ލިބިދީފައިވެއެވެ.