ރޯދަ މަސް ފެށެން މަސް ދުވަހަށް ވެފައި ވާއިރު، ރޯދައަށް ކާބޯތަކެތީގެ އަގުތައް އުފުލޭނެ ކަމަށް މިއަދު ވިޔަފާރިވެރީން ބުނެފިއެވެ.
މާރުކޭޓުގެ ގޮޅިތަކުން "ސަން"އަށް މައުލޫމާތުދިން ވިޔަފާރިވެރީން ބުނީ މިހާރު ވެސް ކާބޯތަކެތީގެ އުފުލިފައިވާ ކަމަށާއި، ރޯދައަށް އަގުތައް ތިރިނުވެ، އިތުރަށް ބޮޑުވާނީ ކަމަށެވެ.
މާރުކޭޓުގައި މިހާރު ތަރުކާރީއާއި މޭވާ ލިބެން ހުރި އަގުތަކަށް ބަލާއިރު، ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 55 ރުފިޔާއާއި 65 ރުފިޔާއާއި ދެމެދުގައެވެ. މީގެ ކުރީން ލުނބޯ ކިލޯއެއް ވިއްކަމުން އައީ 35 ރުފިޔާއަށެވެ.
ލުނބޯ ކޭހެއް އަގު މިހާރު އުޅެނީ 450 ރުފިޔާއަށެވެ. މީގެކުރީން ލުނބޯ ކޭސް ވިއްކީ 250 އާއި 300 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
މިރުސް ކިލޯއެއްގެ އަގު 85 ރުފިޔާގައި އުޅޭއިރު ޓޮމާޓޯ ކިލޯއެއް އުޅެނީ 35 ރުފިޔާއަށެވެ. އަދި ކެރެޓު ކިލޯއެއް އުޅެނީ 55 ރުފިޔާއަށެވެ. ރާއްޖޭގެ ކިއުކަމްބާގެ ކިލޯއެއް 35 ރުފިޔާއަށް ވިއްކާއިރު ޗައިނާ ކިއުކަމްބާގެ އަގު އުޅެނީ 80 ރުފިޔާގައެވެ.
މާރުކޭޓުގައި ހިކަނދިފަތުގެ އަގު މިހާރު އުޅެނީ ބޮނޑިއެއް 10 ރުފިޔާއަށް ކަމަށްވާއިރު ރާނބާފަތުގެ އަގު އުޅެނީ ފަތެއް ފަސް ރުފިޔާއަށެވެ.
"ރޯދަމަހަށް ބަލާއިރު ރޯދަމަހު ވަރަށް އަގު އަރާނެ ކަމަށް މި ބަލަނީ. މިރުސް ވެސް އަގު އަރާނެ ކަމަށް ބެލެވެނީ ހަމަ.. ކަރާ މި އުޅެނީ 25 އަށް. ރޯދަމަހު ކަރާގެ އަގު އުފުލޭނެ. ގާތްގަނޑަކަށް 30، 35 ވަރަށް އަރާނެ ކަރާ ކިލޯއެއްގެ އަގު،" މާރުކޭޓުގެ ގޮޅިއެއްގައި މޭވާއާއި ތަރުކާރީ ވިއްކަން އިން މީހަކު ބުންޏެވެ.
ބާޒާރުމަތީގައި ވިޔަފާރިކުރާ މީހުން މީގެ ކުރިން ވެސް ވަނީ ކުއްލިއަކަށް ތަކެތީގެ އަގު ބޮޑުވާން ފަށާފައިވާ ކަމަށް ބުނެފައެވެ. އަދި ކޮންޓެއިނަރުގެ އަގު ބޮޑުވުމުގެ ސަބަބުން ފިޔާފަދަ ތަކެތި މީހުން ކޮންޓެއިނަރުގައި ގެންނަ މިންވަރު މަދު ކަމަށާއި އެއެއްޗެހި ގެންނަން ޖެހެނީ ލަކުނޑި ބޯޓުތަކުގައި ކަމަށް ވުމުން އޭގެ ޑިމާންޑާ އެއްވަރަށް ސަޕްލައި ލިބުމުގައި ދަތިތައް އުޅޭކަން ބައެއް ވިޔަފާރިވެރީން ވަނީ ފާހަގަކޮށްފައެވެ.
މިދިޔަ އަހަރު ތަކެތީގެ އަގަށް އައިސްފައިވާ ބަދަލުތަކުގެ ތަފާސްހިސާބާއެކު ސްޓެޓިސްޓިކްސް ބިއުރޯއިން ނެރުނު ކޮންސިއުމާ ޕްރައިސް އިންޑެކްސްއިން ދައްކާ ގޮތުގައި މިދިޔަ އަހަރު ތަކެތީގެ އަގުންވަނީ 4.80 ޕަސެންޓު އުފުލިފައެވެ.
އެންމެ ބޮޑަށް އަގު އުފުލުނު ބާވަތްތަކުގެ ތެރޭގައި ކާބޯތަކެތި ވެސް ހިމެނުނެވެ. އެގޮތުން އެ ތަކެތީގެ އަގުން މިދިޔަ އަހަރު 4.95 ޕަސެންޓު އުފުލުނިއިރު، މިދިޔަ ނޮވެންބަރާއި ޑިސެންބަރުގައި ވެސް 1.16 ޕަސެންޓުވަނީ އިތުރުވެފައެވެ.