ރާއްޖެއަށް އިންވެސްޓްމަންޓް ގެނައުމުގެ މަޝްވަރާއަށް ޚަލީލް ސައުދީއަށް

ފޮރިން މިނިސްޓަރު އަބްދުالله ޚަލީލް އާއި ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދު-- ރާއްޖެއަށް އިންވެސްޓްމަންޓް ގެނައުމުގެ މަޝްވަރާއަށް މިހާރު ތިއްބެވީ ސައުދީގައި-- ފޮޓޯ: ފޮރިން މިނިސްޓްރީ

ސައުދީ އަރަބިއްޔާގެ އިންވެސްޓްމަންޓްތައް ރާއްޖެ ގެނައުމަށްޓަކައި, މަޝްވަރާ ކުރެއްވުމަށް, ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ ޢަރަބިއްޔާއަށް ރޭ ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅަކީ, ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް ސަޢޫދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިނިސްޓަރު ޚަލީލްގެ މި ދަތުރުފުޅުގައި، ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް ސަޢޫދާ ބައްދަލުކުރެއް ވުމަށް ވަނީ ނިންމަވައިފައެވެ. މި ބައްދަލު ކުރެއްވުމުގައި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ޒަމާންވީ، ރަޙްމަތްތެރިކަމުގެ ގުޅުން މުސްތަޤްބަލުގައި އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާއި އިތުރު ދާއިރާތަކުން ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، ފޮރިން މިނިސްޓްރީން ބުނީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރު އޮފް ކޮމާސްއާ ވެސް ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖޭގައި ސަޢޫދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައި ކަމަށެވެ. ސަޢޫދީ ޢަރަބިއްޔާއާއެކު އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އިސްކަންދޭ މިންވަރު މި ދަތުރުފުޅުން ރަމްޒުކޮށްދޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޚަލީލްގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގަންނަވައެވެ.

ރާއްޖެއަށް ސައުދީގެ އިންވެސްޓްމަންޓްތައް ގެނައުމަށްޓަކައި މަޝްވަރާ ކުރެއްވުމަށް, ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް މި ވަގުތު ހުންނެވީ އެ ގައުމުގައެވެ.

comment ކޮމެންޓް