މިދިޔަ މަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ރެކޯޑު އަދަކަކަށް އާމްދަނީ ލިބުނު ތެލުގޫ ފިލްމު "ޕުޝްޕާ-2" ވަރަށް އަވަހަށް ނެޓްފްލިކްސްގައި ސްޓްރީމް ކުރާނެކަން އިއުލާނުކޮށްފިއެވެ.
ނެޓްފްލިކްސްއިން މިކަން އިއުލާނުކުރަމުން ބުނެފައި ވަނީ "ޕުޝްޕާ-2"ގެ ރީލޯޑެޑް ވާޝަންއަކަށް ބެލުންތެރިން ތައްޔާރަށް ތިބުމަށެވެ. ތެލުގޫ، ތަމަޅަ، މަޅަޔާލަމް އަދި ކަންނާޑާ ބަހުން މި ފިލްމު ސްޓްރީމްކުރާނެކަން އިއުލާނު ކުރިއިރު ފިލްމު ގެނެސްދޭނީ އިތުރު 23 މިނެޓުގެ ފުޓޭޖްއާއެކު ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.
ފިލްމު "ޕުޝްޕާ-2"އަށް އިތުރުކޮށްފައިވާ 23 މިނެޓުގެ ފުޓޭޖްތަކަކީ ބެލުންތެރިންނަށް ސިނަމާއިން ވެސް ފެނިފައިވާނެ މަންޒަރުތައް ކަމަށާއި ނަމަވެސް ސިނަމާތަކުގައި ދެއްކުމަށް ފާސްވި ދިގުމިނަށް ފިލްމު ފައްތަން އޭގެ ބައެއް މަންޒަރުތައް ކުރުކޮށްފައިވާނެ ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.
އެހެންކަމުން "ޕުޝްޕާ-2"ގައި މިހާތަނަށް ނުފެންނަ އިތުރު އާ މަންޒަރެއް ނެޓްފްލިކްސްގައި ސްޓްރީމްކުރާ ފިލްމުން ބެލުންތެރިންނަށް ނުފެންނާނެކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.
މި ފިލްމު ނެޓްފްލިކްސްގައި ޕްރީމިއާކުރާނެ ވަކި ތާރީޚެއް އިއުލާނުކޮށްފައި ނުވާއިރު ފިލްމު ސްޓްރީމްކުރަން ފަށާނީ މި މަހުގެ 30ވަނަ ދުވަހުކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ފިލްމު "ޕުޝްޕާ-2"ގެ ހިންދީ ބަހުން ޑަބްކޮށްފައިވާ ފިލްމު ނެޓްފްލިކްސްއިން ގެނެސްދޭ ގޮތަށް ހަމަޖެހިފައި ނުވަނީ ހިންދީ ފިލްމުގެ ކޮޕީ ރައިޓްސް އެހެން ސްޓްރީމިންގް ޕްލެޓްފޯމަކުން ގަނެފައިވާތީ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ތެލުގޫ އެކްޓަރު އައްލޫ އަރުޖުން، ފަހަދު ފާސިލް އަދި ބަތަލާ ރަޝްމިކާ މަންދަންނާ މުހިއްމު ރޯލް ކުޅެފައިވާ މި ފިލްމަށް މިހާތަނަށް ދުއިސައްތަ ނުވަ މިލިއަން ޑޮލަރާ ކައިރި ކުރާ އަދަދަކަށް އާމްދަނީ ވަނީ ލިބިފައެވެ.