ކަންގަނާއާއި އާރް މާދަވަން ސައިކޮލޮޖިކަލް ތުރިލާއަކަށް ތައްޔާރުވަނީ

ފިލްމީ ތަރިން ކަމަށްވާ އާރް މާދަވަން އަދި ކަންގަނާ ރަނާވަތު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ތަނޫ ވެޑްސް މަނޫ"އިން ބޮޑު މަގުބޫލު ކަމެއް ހޯދި އޮން ސްކްރީން ޖޯޑު ކަންގަނާ އާއި އާރް މާދަވަން (މެޑީ) މުޅިން އާ ޖޯންރާގެ ފިލްމެއްގެ މަސައްކަތް ފަށައިފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ތުރިޑެންޓް އާޓްސްއިން ގެނެސްދޭ މި ފިލްމުގެ ޝޫޓިން ފެށުނުކަން އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ކަންގަނާ ބުނެފައި ވަނީ ފިލްމު ސެޓުގައި މަސައްކަތް ފެށުމަކީ ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.

ވަކި ނަމެއް ހަމަޖެހިފައި ނުވާ މި ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާއެކެވެ. ތުރިދެންތް އާޓްސްއިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ ތަމަލަ އަދި ތެލުގޫ ފިލްމުތައް އުފައްދާފައިވާ ވިޖޭއެވެ.

އާރް މާދަވަން އަދި ކަންގަނާ ފިލްމު "ތަނޫ ވެޑްސް މަނޫ"ގެ މަންޒަރެއްގައި--ފޮޓޯ/މިޑް-ޑޭ

މި ފިލްމުގެ ބައެއް މަންޒަރުތައް 2023 ވަނަ އަހަރު އިންޑިއާގެ ޗެންނާއީގައި ޝޫޓްކޮށްފައިވާއިރު އޭގެ ފަހުން ފިލްމުގެ މަސައްކަތް ވަނީ އެކި ސަބަބުތަކާ ގުޅިގެން މެދުކަނޑާލެވިފައެވެ. ބެލެވޭ ގޮތުގައި ފިލްމުގެ މަސައްކަތް ނުފެށި ލަސްވެފައި ވަނީ ކަންގަނާ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމާ ގުޅިގެން ފިލްމަށް ވަގުތު ނުދެވި އޮތުމުން ކަމަށް ފިލްމީ ރިޕޯޓުތައް ބުނެއެވެ.

ހަމައެއާއެކު ކަންގަނާގެ އަލަށް ޑައިރެކްޓްކުރި ފިލްމު "އިމަޖެންސީ"ގެ މަސައްކަތުގައި ވެސް މިދިޔަ އަހަރުން ފެށިގެން ބަތަލާ ވަނީ ވަރަށް އަވަދިނެތި މަސައްކަތްކޮށްފައެވެ.

ފިލްމު "ތަނޫ ވެޑްސް މަނޫ"އަށް ފަހު ކަންގަނާ އާއި މެޑީ ވަނީ އޭގެ ދެވަނަ ބައިގައި ވެސް މަސައްކަތް ކޮށްފައެވެ. އެއީ 2015 ވަނަ އަހަރު ރިލީޒްވި ފިލްމު "ތަނޫ ވެޑްސް މަނޫ ރިޓާންސް"އެވެ.

ކަންގަނާ އާއި މެޑީގެ އިތުރު ފިލްމެއް ފެށިކަން އިއުލާނުކޮށްފައި މި ވަނީ ދެ ތަރިންގެ ފިލްމަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނިކޮށެވެ.

comment ކޮމެންޓް