ބިލަބޮންގް ހައި އިންޓަނޭޝަނަލްގެ ގްރޭޑް 10ގެ ދަރިވަރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "ޕީސްޑް ޓުގެދާ ރަން"ގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ ހޮސްޕިޓަލުން ބުނީ ދުވުމުގެ ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ހަވީރު 4:00އިން 6:00އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ. މި ދުވުމަކީ ބިލަބޮންގް ހައި އިންޓަނޭޝަނަލްގެ ގްރޭޑް 10ގެ ދަރިވަރުންގެ އޯ ލެވެލް ފައިނަލް ބިޒްނަސް ޕްރޮޖެކްޓްގެ ދަށުން އިންތިޒާމްކުރި ހަރަކާތެއް ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.
އެ ހޮސްޕިޓަލުން ބުނީ މި ދުވުމުގެ މަގުސަދަކީ ދަރިވަރުންނަށް އިވެންޓެއް ރޭވުމާއި، މާކެޓްކުރުމާއި އިވެންޓް ކުރިއަށް ގެންދިއުމުގެ ތަޖުރިބާ ހޯދައިދިނުން ކަމަށެވެ.
މިފަދަ ތައުލީމީ މަގުސަދެއް ހާސިލުކުރުމަށް ބާއްވާ ހާރަކާތްތަކަށް އެހީތެރިވުމަކީ ޓްރީ ޓޮޕް ހޮސްޕިޓަލުން އިސްކަންދޭ ކަމެއްކަމަށް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

ބިލަބޮން ސްކޫލުގެ "ޕީސްޑް ޓުގެދާ ރަން"ގެ މެޑިކަލް ޕާޓްނަރަކަށް ޓްރީ ޓޮޕް -- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް
ސްކޫލްތަކުގެ ދަރިވަރުންނަށް ސިއްހީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހޭލުންތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ސިއްހީ ދާއިރާއަށް ޝައުގުވެރިވާ ދަރިވަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ޒިޔާރަތްކޮށް މަސައްކަތް ބަލައިލުމުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވާކަންވެސް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.
އެ ހޮސްޕިޓަލުން ވަނީ އެ ދުވުމުގައި މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެ، ދުވުމުގެ މެޑިކަލް ސަޕޯޓް ފޯރުކޮށްދިނުމުގެ އިތުރުން އެމަޖެންސީ ހާލަތަށް އެހެނިހެން އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އުސޫލުތަކާއި ޚިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުން ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.