ފައިސާގެ މުއާމަލާތްތައް ކުރާއިރު، އެ މުއާމަލާތް ކުރަނީ އެކައުންޓުގެ ވެރިފަރާތްކަން ދެނެގަތުމަށް ބޭނުންކުރާ އޮތެންޓިކޭޝަން މެތަޑްގެ އާ ބާވަތެއް ކަމަށްވާ 'ފްލޭޝް ކޯލް' މެދުވެރިކޮށް ސްކޭމްކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މިހާރު ދިވެހިން އާންމު ގޮތެއްގައި ބޭނުންކުރަނީ މެސެޖަކުން އަންނަ އޯޓީޕީ އޮތެންޓިކޭޝަން މެތަޑް ކަމަށްވާއިރު، ފްލެޝް ކޯލް އޮތެންޓިކޭޝަން ޓެކްނޮލޮޖީ ބައެއް ކުންފުނިތަކުން ބޭނުންކުރަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ ޓެކްނޮލޮޖީ އުފެއްދި ފަރާތުން އެއީ އޯޓީޕީއަށްވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު އޮތަންޓިކޭޝަން މެތަޑެއް ކަމަަށް ބުނާއިރު، އެ ބަދަލާއެކު ސްކޭމްގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އަނެއްކާ ވެސް އިންތިހާއަށް އިތުރުވާނެ ކަމުގެ ކަންބޮޑުވުން އެހެން މީހުން ފާޅުކުރާ ކަމަށް ފުލުހުން ބުންޏެވެ.
ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ގިނަ ކުންފުނިތަކުން ފްލޭޝް ކޯލްސް އޮތަންޓިކޭޝަން މެތަޑް ޚިޔާރުކުރަން ފަށާފައިވަނީ އޯޓީޕީ އަކީ އެސްއެމްއެސްގެ ޒަރީއާއިން ލިބޭ ޓެކްސްޓް މެސެޖަކަށްވާތީއާއި، ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކުން އޯޓީޕީ އެސްއެމްއެސްއަށް ކަސްޓަމަރު އަތުން އަގެއް ނަގާތީ ކަމަށް ފުލުހުން ފާހަގަކުރިއެވެ. މީގެ އިތުރުން އެސްއެމްއެސްގެ ޒަރީއާއިން އޯޓީޕީ ފޮނުވުމުން އޯޓީޕީ ރައްދުވާ ފަރާތަށް އޯޓީޕީ ރައްދުވުމުގައި ވެސް ލަސްތަކެއް އުޅޭތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް ފްލޭޝް ކޯލްސްއަކީ ފޯން ކޯލެއްގެ ޒަރިއްޔާއިން އަންނަ އޮތަންޓިކޭޝަން ޓެކްނޮލޮޖީއެއް ކަމަށާއި ފްލޭޝް ކޯލްސް އަގުހެޔޮވެފައި އަވަސްވުމުގެ އިތުރުން މި ކޯލަކީ ކަސްޓަމަރުގެ ފޯނަށް ޚިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތަންޓިކޭޝަން ކޯޑު ކަމަށާއި މި ކޯޑު އިތުރު އެއްވެސް ފަރާތަކާ ހިއްސާކޮށްފިނަމަ އެ ހިއްސާކުރެވެނީ ހަމަ އޯޓީޕީއާ އެއްވަރުގެ ކޯޑެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެތައް ކުންފުންޏަކުން އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުންކުރަން ފަށާފައިވާއިރު، ސްކޭމްކުރަން ގެންގުޅޭ އުކުޅުތައްވެސް ބަދަލުކޮށްފައި ވާކަމަށާއި އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ހޯދައި އެކައުންޓުތައް ހިސޯރުކުރަން ފަށާފައި ވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ތިމާގެ ފޯނަށް ލިބޭ ކޯޑެއްގެ އިތުރުން ގުޅާފައި އޮންނަ ނަންބަރެއް ވެސް އަދި މިސްކޯލެއް ލިބިފައި އޮތް ނަންބަރެއް ވެސް ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.