މީގެ ދެ އަހަރުކުރިން 29 އެޕްރިލް 2023ވަނަ އަހަރުގެ ހިނގި ލޯންޗު އެކްސިޑެންޓެއްގައި ވިޔަފާރިވެރިޔާ ސައުދުﷲ އަހްމަދު ނިޔާވި ހާދިސާއާ ގުޅިގެން ދެ މީހަކަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މި މަހުގެ 15ވަނަ ދުވަހު ފޮނުވައިފިއެވެ.
އެ އެކްސިޑެންޓު ހިނގީ އެ ދުވަހުގެ ހަވީރު 16:42 ހާއިރު "ސަސް އީ ސްޕީޑް" ލޯންޗާއި "އެމްޑަބްލިޔުއެސްސީ މެރިން-2" ލޯންޗު ޖެހިގެންނެވެ.
އެ ތަނުން އެއް ލޯންޗުން ދަތުރުކުރި މީހަކަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވި މައްސަލަ ތަހުގީގުކޮށް ނިންމައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވައިފިއެވެ.
އެ އެކްސިޑެންޓްގައި ނިޔާވެފައިވަނީ 52 އަަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެ ދުވަހުގެ 18:15 އެހައިކަންހާއިރުއެވެ ނިޔާވީ ވިޔަފާރިވެރިޔާ ސައުދުﷲ އަޙްމަދެވެ.
މި މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވާ ދެ މީހުންނަކީ ކ. ކާށިދޫ، ހީނާވިލާ، އުމުރުން 35 އަހަރުގެ ޔާނިސް ޙަމީދާއި ހދ. ނޮޅިވަރަމް، ގްރީންހައުސް، 43 އަހަރުގެ މުޙައްމަދު ޖަމީލެވެ.
މި ދެ މީހުންނަކީ އެ ދުވަހު އެކްސިޑެންޓް ހިނގި ވަގުތު އެ ދެ ލޯންޗު ދުއްވަން ތިބި މީހުންކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި އެ ދެ މީހުންގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންމެ ފުރަތަމަ މައްސަލަ ފޮނުވާފައިވަނީ 2023ވަނަ އަަހަރުގެ ޖޫން ހަތަރުވަނަ ދުވަހެވެ. ނަމަވެސް މައްސަލަ އިސްލާހުކުރުމަށް އަނބުރާ ފޮނުުވުމަށްފަހު ދެވަނަ ފަހަރަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހެވެ.