ސާފު ތާހިރުކަމެއް ނެތި، ގަވާއިދާ ހިލާފަށް އުޅުނު 5 ބިދޭސީން އަތުލައިގެންފި

ޓާސްކު ފޯހުން މާލޭގައި ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިއަ ތަނެއް ބަލައި ފާސްކުރަނީ: ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި ---ފޮޓޯ/ އިމިގްރޭޝަން

ޓާސްކު ފޯހުން އިއްޔެއާއި މިއަދު މާލޭގައި ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރި ތަނެއް ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް އުޅުނު ފަސް ބިދޭސީއަކު ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ސާފުތާހިރުކަމެއް ނެތި އުޅެމުންދާތަނެއް ބަލައިފާސްކުރުމުގެ ތެރެއިންކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޓާސްކު ފޯހުން މާލޭގައި ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިއަ ތަނެއް ބަލައި ފާސްކުރުމުގެ ތެރެއިން--- ފޮޓޯ/ އިމިގްރޭޝަން

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ތަން ބަލައި ފާސްކުރުމަށް ފަހު ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ފަސް މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިމިގްރޭޝަންގެ ޓާސްކުފޯހުން މިދިޔަ އަހަރު ބަލައި ފާސްކުރި ތަންތަނުގައި މިހާރު ބިދޭސީން އުޅެނީ ސައްހަ ވިސާއަކާ އެކު، ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ވެސް ވަނީ ޚާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފައެވެ.

ރާއްޖޭގައި ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ވަނީ ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ފަށައިފައެވެ. އެ މަސައްކަތުގެ ތެރެއިން އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި އެ މީހުންނާމެދު ފިޔަވަޅު އަޅަމުންނެވެ.

ޓާސްކު ފޯހުން މާލޭގައި ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިއަ ތަނެއް ބަލައި ފާސްކުރުމުގެ ތެރެއިން--- ފޮޓޯ/ އިމިގްރޭޝަން

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އެ މަސައްކަތުގެ ތެރެއިން ސަރުކާރަށް އަހަރު ފުރުނުއިރު ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްލައިފައެވެ.

comment ކޮމެންޓް