އަންނަ ރޯދަމަހު އަޅުކަމުގެ ކަންކަމަށް އިސްކަންދިނުމުގެ ގޮތުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުބޭއްވުމަށް، ގދ. ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ.
އެ ކައުންސިލުން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ވަނީ އެހެން އަހަރުތަކާ އެއްގޮތަށް، މިއަހަރުގެ ރޯދަ މަހަކީ ވެސް ވީހާވެސް ބޮޑަށް އަޅުކަމަށް އިސްކަންދީ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދައާއި އުސޫލުތައް އާލާވާން ފުރުސަތު ފަހިވާ ދުވަސްތަކަކަށް ހެދޭތޯ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އެހެންވެ، އެންމެން ވެސް ކައުންސިލުން ފާހަގަކޮށްފައިވާ ނުކުތާތަކަށް ޚާއްޞަ ސަމާލު ކަމެއް ދިނުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ. އެ ކައުންސިލުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި:
- ތިނަދޫ ސިޓީގައި ހުރި ތައުލީމު ފޯރުކޮށްދޭ ތަންތަނުންނާއި ސަރުކާރާއި އެނޫންވެސް އެހެނިހެން މުއައްސަސާ ތަކުންނާއި ވިޔަފާރިވެރީންނާއި ކުލަބު ޖަމިއްޔާ ޖަމާއަތް ތަކުންނާއި އެކިއެކި ރަސްމީ އަދި ނުރަސްމީ ޓީމުތަކާއި ގްރޫޕްތަކުން ވެސް ރޯދަ މަހުގެ މަގުސަދު ހާސިލްކޮށްދިނުމަށް އެކަކު އަނެކަކަށް މަގުފަހި ކުރެވޭނޭހެން އެންމެހާ ކަމެއް ތަރުތީބުކޮށް އިންތިޒާމް ކުރުމަށް ޚާއްޞަ ސަމާލު ކަމެއް ދިނުން
- ދުވާލު ރޯދައަށް ތިބޭ ވަގުތުތަކުގައި އެކަކު އަނެކަކަށް ވީހާ ވެސް ބޮޑަށް ހަމްދަރުދީވެ އަޅާލައި ރަސްމީ މަސައްކަތަށް މާބޮޑު ބުރުލެއް ނާރާނެހެން ވީހާވެސް ބޮޑަށް އަޅުކަމަށް މަގުފަހިވާގޮތަށް ފަރުޟު ނަމާދުތަކުގެ ޖަމާއަތުގެ ވަގުތުތަކާއި ތަރާވީޙް ނަމާދާއި ރޯދަވީއްލުމުގެ ވަގުތުފަދަ ވަގުތުތަކަށް ފުށު ނާރާނެހެން އަދި އެއްވެސް މީހަކަށް ދަތިނުވާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީތަކާއި އެހެނިހެން ރަސްމީ އަދި ނުރަސްމީ ކަންކަން އިންތިޒާމް ކުރުން
- ދުވާލުގެ ވަގުތުވެސް އަދި ޚާއްސަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތްތަކެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމްކޮށް ނުހިންގުން.
އެ ކައުންސިލުން ވަނީ ކަސްރަތާއި ސިއްހީ ބޭނުންތަކަށް، ހަރަކާތްތެރިވާ މީހުންނަށް މަގުފަހިކޮށްދިނުމަށްޓަކައި ރަށުގައި ގާއިމުކޮށްފައިވާ ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ފަދަ ތަންތަން ދުވާލާއި ރޭގަނޑުގެ ކަނޑައެޅޭ ވަގުތުތަކުގައި އާއްމުކޮށް ހުޅުވާފައި ބަހައްޓާނެ ކަމަށް ބުނެފައެވެ.
ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ތަންތަނުގެ ތެރެއިން ވަގުތު ކަނޑައެޅިގެން ހުޅުވާފައި ބަހައްޓާ ތަންތަނުގެ މައުލޫމާތު ވަކީން އާއްމުކޮށް އިއުލާނު ކުރަމުންދާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
އަދި އެފަދަ ކަންކަން ކުރިޔަށް ގެންދިއުމަށްޓަކައި އެއްބާރުލުން ނުދޭ ފަރާތްތަކާއި ގަސްތުގައި މިފަދަ އުސޫލުތަކާ ޚިލާފަށް އަމަލުތައް ބަހައްޓާ ފަރާތްތަކަށް، އެއިން އެއްވެސް ކަމެއްގައި އެއިދާރާގެ އެއްބާރުލުން ނުލިބޭނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.
އެކަންކަމާ ޚިލާފަށް އަމަލުތައް ބަހައްޓާ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ހާލަތުގައި ކައުންސިލުން އެފަދަ ފިޔަވަޅުވެސް އަޅަމުންގެންދާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.