ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގެ މެންބަރުކަމަށް، ދެ ބޭފުޅުން މިއަދު އައްޔަން ކުރައްވައިފިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރެއްވީ އަޙްމަދު ނާޝިދު، މއ. ގޯލްޑަންމޫން އަދި ޢަބްދުﷲ ނާޝިދު، ރ. އަލިފުށި، ފަސާނާއެވެ.
މއ. ގޯލްޑަންމޫން، އަޙްމަދު ނާޝިދަކީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

އޭސީސީއަށް އަލަށް އައްޔަން ކުރެއްވި ދެ ބޭފުޅުން-- ފޮޓޯ: ރައީސް އޮފީސް
ރ. އަލިފުށި، ފަސާނާ، ޢަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓާ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.
މީގެއިތުރުން ޢަބްދުﷲ ނާޝިދަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް މި ދެ ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ބޭފުޅުންނަ ޙަވާލުކޮށްދެއްވާފައެވެ.
އޭސީސީއަށް ދެ މެންބަރުން އައްޔަންކުރީ އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.