ބޮކްސް އޮފީހުގައި ފިލްމުތައް ފެއިލް ވަނީ އޯޓީޓީ ޕްލެޓްފޯމްތަކުގެ ސަބަބުން: އަކްޝޭ ކުމާރު

ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބޮލީވުޑްގެ ގިނަ ފިލްމުތައް ބޮކްސް އޮފީހުގައި ފެއިލްވެ ފްލޮޕްވުމުގެ މައިގަނޑު އެއް ސަބަބަކީ ޑިޖިޓަލް ޕްލެޓްފޯމްތައް ނުވަތަ އޯޓީޓީ ޕްލެޓްފޯމްތައް ކަމަށް އިންޑިއާގެ އެކްޓަރު އަކްޝޭ ކުމާރު ބުނެފިއެވެ.

އަކްޝޭ އަކީ އަހަރެއްގެ މައްޗަށް އެންމެ ގިނަ ފިލްމުތަކަށް ސޮއިކޮށް އަހަރެއްގެތެރޭ މަދުވެގެން ތިނެއް ނުވަތަ ހަތަރު ފިލްމެއް ރިލީޒް ކުރާ އެކްޓަރެކެވެ. އެހެންނަމަވެސް 2022 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް އަކްޝޭގެ ރިލީޒްވި އެއްވެސް ފިލްމަކަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނީ މިފަހުން ބައްދަލުވި ވަރަށް ގިނަ ބަޔަކު ވަނީ އަކްޝޭގެ ފިލްމުތައް ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ބަލާނެ ކަމަށް ބުނެފައި ކަމަށެވެ.

އެހެންކަމުން ސިނަމާއަށް ފިލްމު ބަލަން ވަންނަ މީހުންގެ އަދަދު މަދުވާ ކަމަށާއި ގިނަ ބަޔަކު މިހާރު ބޭނުން ވަނީ ގޭގައި ތިބެ ސްޓްރީމްކޮށްގެން ފިލްމުތައް ބަލަން ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

އަކްޝޭ ކުމާރު ފިލްމު "ސްކައި ފޯސް"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ކޮވިޑް-19އަށް ފަހު ބެލުންތެރިން ސިނަމާއާ މެދު ދެކޭ ނަޒަރިއްޔާތު ބަދަލުވެފައިވާ ކަމަށާއި ސިނަމާއަށް ނުގޮސް ސްޓްރީމްކޮށްގެން ފިލްމު ބެލުމުގެ ފުރުސަތު އޮންނާތީ ގޭގައި ތިބެގެން ފިލްމު ބެލުމަކީ ވަރަށް ބޮޑު އޯޑިއަންސެއްގެ އާދައެއް ކަމަށް އަކްޝޭ ވަނީ ޕިންކްވިލާއަށް ދިން އިންޓަވިއުގައި ބުނެފައެވެ.

އަކްޝޭގެ އެންމެފަހުން ރިލީޒްވި ފިލްމަކީ މިދިޔަ ހުކުރު ދުވަހު ސިނަމާތަކަށް ގެނައި ފިލްމު "ސްކައި ފޯސް"އެވެ. މުޅިއެކު 160 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް މިހާތަނަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ އެންމެ 19.33 ކްރޯޑު ރުޕީސްއެވެ.

މި އަހަރު އަކްޝޭ އިތުރު ތިން ފިލްމެއްގައި މަސައްކަތް ކުރަމުން އަންނައިރު އެކްޓަރުގެ ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރު ކުރާ އެއް ފިލްމަކީ "ހެރާ ޕެރީ 3"އެވެ. މި ފިލްމުގެ މަސައްކަތް ފަށާނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

comment ކޮމެންޓް