އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ވުލްވަހެމްޕްޓަން ވޮންޑަރާސް ބަލިކޮށްފިއެވެ.
ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.
ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނީ އާސެނަލުންނެވެ. ނަމަވެސް، އެ ޓީމަށް މައްސަލަތަކާ ކުރިމަތިވީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މައިލްސް ލުވިސް ސްކެލީއަށް ދެއްކި ރަތް ކާޑާ އެކު މެޗުގެ އޮއިވަރު ބަދަލުވުމުންނެވެ. ލުވިސް ސްކެލީ ވެފައިވަނީ މި ރަތް ކާޑާ އެކު ޕްރިމިއާ ލީގުގައި ރަތް ކާޑު ދެއްކި ތިންވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އަނެއް ދެ ކުޅުންތެރިންނަކީ ވޭން ރޫނީއާއި މައިކަލް އޮވެންއެވެ.
ދެވަނަ ހާފުގައި ވުލްވްސްއިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް، ވުލްވްސްއަށް މައްސަލަތަކާ ކުރިމަތިވީ 70 ވަނަ މިނެޓުގައި ޖާއޮ ގޯމޭސްއަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކާ ކުޅުންތެރިންގެ އަދަދު ހަމަހަމަވި ހިސާބުންނެވެ. މި ކާޑު ދެއްކިތާ ހަތަރު މިނެޓް ފަހުން އާސެނަލުން ވަނި މެޗުގެ ހަމައެކަނި ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ރިކާޑޯ ކާލަފިއޯރީއެވެ.
މި ކާމިޔާބީއާ އެކު އާސެނަލް އޮތީ 47 ޕޮއިންޓާ އެކު ދެވަނައިގައެވެ. ވުލްވްސް އޮތީ 16 ޕޮއިންޓާ އެކު 17 ވަނައިގައެވެ.
މުބާރާތުގެ ތިންވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓާއި ބޯންމޯތާ ބައްދަލުކުރި މެޗު ގިނަ ބަޔަކު ހީކުރިގޮތާ ހިލާފަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ބޯންމޯތުންނެވެ. މެޗުގައި ބޯންމޯތުން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ޑަންގޯ އޮއަޓާރާވަނީ ހެޓްރިކް ހަދައިފައެވެ. އަނެއް ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޖަސްޓިން ކްލައިވާޓާއި އެންޓޮއިން ސެމެންޔޯއެވެ.
މި ކާމިޔާބީއާ އެކު ބޯންމޯތު އޮތީ 40 ޕޮއިންޓާ އެކު ހަތްވަނައިގައެވެ. ފޮރެސްޓް ތިންވަނައިގައި އޮތީ 44 ޕޮއިންޓާ އެކުއެވެެ.