ދަރުމާ ކުންފުނިން އަންނަ އަހަރު ރިލީޒް ކުރާނެ ކަމަށް ބެލެވޭ އެންމެ ވަރުގަދަ ލޯބީގެ ފިލްމުގެ ބަތަލާގެ ރޯލަށް އަނަނިޔާ ޕާންޑޭ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެކްޓަރު ކާތިކް އާރްޔަން ލީޑް ރޯލް ކުޅޭ ފިލްމުން އަނަނިޔާއަށް ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު މި ފިލްމު އިއުލާނުކުރީއްސުރެ ބޮލީވުޑްގެ ވަރަށް ގިނަ ބަތަލާއިންގެ ނަޒަރު މި ފިލްމަށް ވަނީ ހުއްޓިފައެވެ.
ރޮމޭންޓިކް ކޮމެޑީއެއް ކަމަށްވާ "ތޫ މެރީ މޭ ތެރާ މޭ ތެރާ ތޫ މެރާ"ގެ ނަމުގައި އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ ކާތިކް ކުޅުނު ލޯބީގެ ފިލްމު "ސަތިޔަ ޕްރޭމް ކީ ކަތާ"ގެ ޑައިރެކްޓަރު ސަމީރު ވިދުވަންސްއެވެ.
ދަރުމާ ކުންފުނިން ބޮލީވުޑަށް ތައާރަފުކުރި ޒުވާން ބަތަލާ އަނަނިޔާ މި ފިލްމަށް ގެންނަން ނިންމި ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު އަނަނިޔާއާ އެކު ދެން މި ރޯލަށް ވާދަކުރީ މި ފަހަކަށް އައިސް ގިނަ ފިލްމުތަކުން ފުރުސަތު ލިބެމުން އަންނަ ބަތަލާ ޝަރުވަރީއެވެ.

ކާތިކް އާއި އަނަނިޔާ ފިލްމު "ޕަތްނީ ޕަތްނީ އޯރް ވޯ"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ
ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ބުނެފައިވާ ގޮތުގައި އަނަނިޔާއަށް ފިލްމުން ފުރުސަތު ލިބިފައިވަނީ ކަރަން އާއި ކާތިކާ ދެމެދު ފިލްމަށް ގެންނާނެ ބަތަލާއެއް ހޮވުމަށް ބޭއްވުނު މަޝްވަރާތަކަށް ފަހުއެވެ.
ފިލްމީ ޚަބަރުތައް ބުނާގޮތުން ބަތަލާ ޝަރުވަރީއާ އެކު ފިލްމެއް ކުޅޭނެ ކަމަށް ކާތިކް ވަނީ ވައުދު ވެސް ވެފައެވެ. ޝަރުވަރީއާ އެކު މަސައްކަތްކުރަން ވައުދުވި ފިލްމު މި އަހަރުތެރޭ ފަށަން ނިންމާފައިވާ ކަމަށް ވެސް ކާތިކާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.
ކާތިކް އާރްޔަންއާ އެކު އަނަނިޔާ 2019 ވަނަ އަހަރު ކުޅުނު ފިލްމު "ޕަތީ ޕަތުނީ އޯރު ވޯ"އިން ދެ ތަރިންގެ އޮން ސްކްރީން ކެމިސްޓްރީއަށް ގިނަ ބަޔަކު ތައުރީފުކޮށްފައި ވާއިރު އަލަށް މަސައްކަތް ފަށަން ނިންމި ފިލްމު "ތޫ މެރީ މޭ ތެރާ މޭ ތެރާ ތޫ މެރާ"އަށް ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަތަލާ އަނަނިޔާ މިހާރުވެސް އަންނަނީ ދަރުމާ ކުންފުނިން އުފައްދާ އިތުރު ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.