ކޭޕޮޕް އެންމެ މަޝްހޫރުވީ 2023ގައި، މިހާރު މަގުބޫލުކަން ދަށަށް ދަނީ

ކޭޕޮޕް މަގުބޫލުކަން އެންމެ ބޮޑުވީ 2023ގައި، މިހާރު ދަށަށް

ފަހުގެ ތާރީޚެއްގައި އެންމެ ހަލުވި ސްޕީޑެއްގައި އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އައި މިއުޒިކް ޖޯންރާ ކަމަށްވާ ކޮރެއަން ޕޮޕް މިއުޒިކް (ކޭޕޮޕް)ގެ ޑިމާންޑް އެންމެ މަތިވީ 2023ވަނަ އަހަރު ކަމަށާއި، މިހާރު މަގުބޫލުކަން ކެނޑެން ފަށާފައިވާ ކަމަށް ރިޕޯޓަކުން ދައްކައިފިއެވެ.

މި ފާއިތުވި ފަސްވަރަކަށް އަހަރުގެ ތެރޭގައި ކޭޕޮޕްގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހޮލީވުޑްގެ ބޮޑެތި ތަރީންނާއެކު މިއުޒިކް އުފެއްދުމުން ފެށިގެން ދުނިޔޭގެ ޗާޓުތަކުގައި އެއްވަނައަށް އަރައި ކޭޕޮޕް ހުރިހާ ދިމާލަކުން ފެންނަ ހިސާބަށް މަގުބޫލުކަން ވަނީ ގޮސްފައެވެ.

ނަމަވެސް ކޮރިއާގެ ކަސްޓަމްސް ސާވިސްގެ ޓްރޭޑް ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާރު ކޭޕޮޕްގެ މަގުބޫލުކަން ވަނީ ދައްވާން ފަށާފައެވެ. އެ ތަފާސްހިސާބުން ދައްކާގޮތުގައި ކޭޕޮޕްގެ މަގުބޫލުކަން މިހާތަނަށް އެންމެ ބޮޑުވީ 2023ވަނަ އަހަރުގައެވެ. އެއަށްފަހު ކޭޕޮޕް "ޕީކް" ވެފައިވާ ކަމަށާއި މިހާރު ފުރަތަމަ ފަހަރަށް ތިރިއަށް މިސްރާބު ޖަހާފައި ހުރި ކަމަށް ރިޕޯޓުގައި ބުނެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2023ވަނަ އަހަރާ އަޅައި ބަލާއިރު ކޭޕޮޕް އާ ގުޅޭ އުފެއްދުންތައް މިދިޔަ އަހަރު އެކްސްޕޯޓު ކޮށްފައިވާ މިންވަރު ވަނީ ފަސް ޕަސެންޓް ދަށަށް ގޮސްފައެވެ.

ބައެއް ފޭނުންނާއި އެނަލިސްޓުން ބުނާގޮތުގައި ކޭޕޮޕްގެ އެންމެ މަގުބޫލު ގްރޫޕުތައް މިވަގުތު އިންޑަސްޓްރީން ފެންނަން ނެތުމަކީ މަގުބޫލުކަން ކުޑަވުމުގެ ފަހަތުގައިވާ ސަބަބަށް ވެދާނެއެވެ. އެގޮތުން ކޭޕޮޕްގެ އެންމެ ބޮޑެތި ގްރޫޕްތައް ކަމަށްވާ "ބީޓީއެސް" އާއި "ބްލެކްޕިންކް" އަދި "އެކްސޯ" ފަދަ ގްރޫޕުތައް މިވަގުތު ވަނީ ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރުން މެދުކަނޑާލާފައެވެ.

ކޭޕޮޕްގެ ޑިމާންޑް އެންމެ ބޮޑުވި އަހަރު ކަމަށްވާ 2023ވަނަ އަހަރަކީ ބްލެކްޕިންކް އެމެރިކާގެ ކޯޗެލާގައި ޕަފޯމް ކުރި އަހަރެވެ. އެމެރިކާގެ އެންމެ ބޮޑު މިއުޒިކް ފެސްޓިވަލުގައި ގްރޫޕު ޕަފޯމް ކޮށްފައިވުމުގެ ސަބަބުން އެމެރިކާގެ ގިނަ ބަޔަކަށް ބްލެކްޕިންކް ތައާރަފުވިއެވެ.

comment ކޮމެންޓް