ޓެލްއަވީވު (22 ޖަނަވަރީ 2025): ހަތެއް އޮކްޓޯބަރުގައި ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާތައް ދިފާއުކޮށް އެހަމަލާތައް ހުއްޓުވުމުގައި އިސްރާއީލު ސިފައިން ނާކާމިޔާބުވި މައްސަލައިގައި އިސްރާއީލުގެ ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް ހާޒީ ހަލޭވީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފްގެ އޮފީހުން ނެރުނު ބަޔާނެއް ބުނިގޮތުގައި ހަލޭވީ ވަނީ އިސްތިއުފާގެ ސިޓީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޮނުވާފައެވެ. ނަމަވެސް އިސްރާއީލު ސިފައިންގެ އުސޫލު އޮންނަ ގޮތުން އިސްތިއުފާ ދިންނަމަވެސް އެކަން ތަންފީޒުކުރުމަށް މުއްދަތެއް ބޭނުންވާތީ ހަލޭވީގެ އިސްތިއުފާ ތަންފީޒު ކުރަން ފަށާނެ ތާރީޚަކީ (އިސްތިއުފާ އިފެކްޓް ވާނެ ޑޭޓަކީ) އަންނަ މާޗް މަހުގެ 6 ވަނަ ދުވަހެވެ. އޭނާ އޮފީހުން ނުނުކުންނާނީ އެދުވަހުން ފެށިގެންނެވެ.
މީގެއިތުރުން އިސްރާއީލު ސިފައިން 15 މަސްވަންދެން ޣައްޒާއަށް ބޮންއަޅައި އަދި އެއްގަމު މަގުން ކުރި ހަނގުރާމައިގައިވެސް ހަމާސްގެ މައްޗަށް ކާމިޔާބު ނުހޯދުނު މައްސަލަ އިސްރާއީލުގެ އެތެރޭގައި ވަނީ ވަރަށް ހޫނުވެފައެވެ. އިސްރާއީލު ސިފައިން ޣައްޒާގައި 15 މަސްވަންދެން ހަނގުރާމަކޮށް ގެންވެސް ހަމާސް ބަލިކުރެވިފައި ނުވާތީ އިސްރާއީލުގެ އެތެރެއިންވަނީ ހަލޭވީ އަށާއި ސިފައިންގެ އިސް އޮފްސަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
އިސްރާއީލު ސިފައިން 15 މަސްވަންދެން ޣައްޒާއަށް ބޮންއަޅައި އަދި އެއްގަމު މަގުން ޣައްޒާއަށް ވަދެގަނެ ކުރި ލޭއޮހޮރުވުން ބޮޑު ހަނގުރާމައިގާވެސް ޣައްޒާގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ގެތަކަށް ބޮންއަޅައި ބިމާހަމަކުރުމާއި ގަތުލުއާންމުތައް ހިންގައިގެން ޣައްޒާގެ އާންމުން މެރުން ފިޔަވައި އިސްރާއީލަށް ކުރެވުނީ ކޮންކަމެއްތޯ މިސުވާލު އިސްރާއީލުގެ އެތެރޭގައިވަނީ އުފެދިފައެވެ.
ބާރުގެ ބޭނުންކޮށްގެން ރަހީނުން މިނިވަން ކުރާނެކަމަށް ބުނެ އެކަން ނުކުރެވުނީ ކީއްވެގެންތޯ އިސްރާއީލުގެ އާންމުންވަނީ ސުވާލު އުފައްދާފައެވެ. 7 އޮކްޓޯބަރުގައި ހަމާސުން އިސްރާއީލުގެ އެތެރެއަށް ވަދެގަނެ ދިން ކުއްލި ހަމަލާތަކުގައި އިސްރާއީލުގެ ހާހަކަށް ވުރެގިނަ ސިފައިން މަރާލިއެވެ. އަދި އިސްރާއީލުގެ ސިފައިންނާއި އާންމުން ހިމެނޭގޮތަށް އެތަށް ސަތޭކަ ބަޔަކު ރަހީނުކޮށްގެން ޣައްޒާއަށް ގެނައެވެ.
މިހުރިހާ ކަމެއް އިސްރާއީލަށް ރޭކައިލީވެސް 2 ދުވަސް ފަހުންނެވެ. އޭރު އޮތީ ވަގުތު ފާއިތުވެފައެވެ. އެހާ ވަރުގަދަ ޖާސޫސީ އިދާރާއަކީ ބަލި ނުކުރެވޭ ވަރުގެ ލަޝްކަރެއް އޮންނަމަ މިގޮތަށް ކަންތަކެއް ނުދާނެއެވެ. މާ މޮޅުކަމަށް ބުނާ އިސްރާއީލުގެ ޖާސޫސީ އިދާރާ މޫސާދު އަށްވެސް ވާނުވާ އެނގުނީ ވަގުތު ފާއިތުވެ ވާނެ ހަތަރެއްޗެއް ވުމުންނެވެ.
އަމިއްލައަށް އުފައްދާފައިވާ އާދައިގެ ހަތިޔާރު ބޭނުންކޮށްގެން ހަމާސުން އިސްރާއީލަށް ދިން ކުއްލި ހަމަލާ ދިފާއު ނުކުރެވުމުން ޒަމާނުއްސުރެ މެދުއިރުމަތީގައި އޮތް އިސްރާއީލުގެ ދިފާއީ ލައިން ނުވަތަ ޑިޓަރެންސްވަނީ ފުނޑުފުނޑުވެފައެވެ. މިއާއެކު އިސްރާއީލަށް ހަމާލާދިނުމަކީ ކުރެވޭނެކަމެއްކަމާއި އިސްރާއީލަކީ އެމެރިކާއާއި އިސްރާއީލު ޕްރޮޕަގެންޑާ ކުރިވަރުގެ ބާރާއި އާރު ހުރި ގައުމެއް ނޫންކަން ދުނިޔެއަށްވަނީ އެނގި ފާޅުވެގެން ގޮސްފައެވެ.
އަދި އިސްރާއީލުގެ ލަޝްކަރަކީ އެއްވެސް ފަރާތަކުން ހަމަލާދޭން ނުކުރެވޭ ވަރުގެ އަދި ދުވަހަކުވެސް ބަލިނުކުރެވޭ އިންވިންސިބްލް އާމީ އެއްކަމަށް ބުނެ އިސްރާއީލު ޕްރޮމޯޓް ކުރަމުންދިޔަ "ލެޖެންޑް އޮފް އިންވިންސިބްލް އާމީ" ގެ ޝިއާރުވެސްވަނީ ފޫގޮސްފައެވެ.
އަދި އިސްރާއީލަކީ އެގައުމަށް ފޮނުވާ ހަމަލާތައް ނާރާވަރުގެ ވަރުގަދަ ޑިޓަރެންސެއް އޮތް ގައުމެއްކަމަށް ބެލެވިފައި އޮތް އޮތުންވަނީ ނިމުމަކަށް އައިސްފައެވެ. އިސްރާއީލުގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމުގައި ހަމާސް އާއި ހިޒްބުﷲ ގެ އިތުރުން އީރާނާއި ޔަމަންގެ ހޫޘީން ގެ ރޮކެޓްތަކާއި ޑްރޯންތައްވެސްވަނީ ކާމިޔާބު ހޯދާފައެވެ.
އިސްރާއީލުގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލައި ހިޒްބުﷲ ގެ ޑްރޯންތައްވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ނިދާ ކޮޓަރިއަށްވެސް ވަދެފައެވެ. އަދި އިސްރާއީލު ސިފައިންގެ މައި މަރުކަޒުގެ އެތެރޭގައި ސިފައިން ކާން ތިއްބައި ސިފައިންގެ މެސްރޫމަށް ހިޒްބުﷲ ގެ ޑްރޯނެއް ވަދެ އޭތި އަމިއްލައަށް ގޮއްވާލައިގެން އިސްރާއީލު ސިފައިންގެ އެތަށް ބަޔަކު ވަނީ ޒަޚަމްކޮށްލާފައެވެ.
ސައޫދީ ސްޓްރަޓެޖިސްޓެއް ކަމަށްވާ އެގައުމުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ޕްރިންސް ތުރުކީ އަލްފައިސަލް ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ ކުރިމަތީގައި ޒަމާނުއްސުރެ އޮތް އިސްރާއީލުގެ ސްޓްރޯންގް އިމޭޖް ގެ ސޫރަ، އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކާއެކު ވަނީ މުޅިން ފުނޑުފުނޑުވެގެން ގޮސްފައެވެ. އެއަށްފަހު ޣައްޒާގައި ހަމާސް ބަލިކުރުމުގައިވެސް އިސްރާއީލުވަނީ ނާކާމިޔާބުވެފައެވެ. މިއީ އިސްރާއީލަކީ އަސްކަރީގޮތުން އެހާ ވަރުގަދަގަދަ ގައުމެއްނޫންކަން އިތުރަށް ހާމަވެގެން ދިޔަކަމެެއްކަމަށް އޭނާ ވިދާޅުވިއެވެ. އިސްރާއީލެކޭ އެއްގޮތަށް ސައޫދީ އަކީވެސް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރާ ގައުމެކެވެ.
ޕްރިންސް ތުރުކީ ވިދާޅުވިގޮތުގައި އިސްރާއީލަށް ކުރިން ލިބިފައިއޮތް ސްޓްރޯންގް އިސްރާއީލުގެ އިމޭޖް ދެން އަލުން އިއާދައެއް ނުކުރެވޭނެއެވެ. އަދި ޣައްޒާގެ ހޮސްޕިޓަލްތަކާއި ގެދޮރާއި ސްކޫލްތަކާއި ހަތިޔާރުނެތް މަދަނީ ތަންތަނަށް ބޮންއަޅައި އެތަންތަން ބިމާ ހަމަކުރުމަކީ ކުރީގައި އޮތް ސްޓްރޯންގް އިސްރާއީލުގެ އިމޭޖް އަލުން އިއާދަކުރެވޭނެ ކަމެއްނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަނެއްކޮޅުން 15 މަސްފަހުން ޣައްޒާގެ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލާއި ހަމާސް އާ ދެމެދު ވި އެއްބަސްވުން ބިނާވެފައިވަނީވެސް ހަމާސްގެ ޝަރުތު ތަކުގެ މައްޗަށެވެ. މި އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން 90 އިންސައްތައަކީ ހަމާސް ބޭނުންވި ކަންތައްތަކެވެ.
އޭގެތެރޭގައި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ ރަހީނުން ހަމާސްގެ ޝަރުތުތަކާއެއްގޮތަށް މިނިވަންކުރަން ޖެހުން ހިމެނެއެވެ. ހަމާސްގެ ޝަރުތުތަކުގެ ތެރޭގައި ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމާއި އިސްރާއީލު ސިފައިން ޣައްޒާއިން ފައިބަންޖެހުމާއި ފަލަސްތީނުގެ އަސީރުންގެ އެތަށް ހާސްބަޔަކު މިނިވަންކުރަން އިސްރާއީލަށް މަޖުބޫރު ވެގެންދިޔުން ފަދަ އިސްރާއީލު ކުރަން ބޭނުނުނުވި ގިނަ ކަންތައްތަކެއް ހިމެނެއެވެ.
އިސްރާއީލުގެ ގިނަ މަސްއޫލުވެރިން ވަނީ ޣައްޒާގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކީ އިސްރާއީލުން ހަމާސް އަށް އަމާން ދިނުން ފަދަ ކަމެއްގެ ސިފަކޮށް ވާހަކަ ދައްކާފައެވެ. 7 އޮކްޓޯބަރުގައި ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާތައް ދިފާއުކޮށް އެހަމަލާތައް ހުއްޓުވުމުގައި އިސްރާއީލު ސިފައިން ނާކާމިޔާބުވި މައްސަލާގައި އިސްރާއީލު ސިފައިންގެ ވެރިޔާ މަގާމުން އިސްތިއުފާ ދީފައިވާއިރު، މިމައްސަލާގައި އިސްރާއީލު ސިފައިންގެ މަތީފެންވަރުގެ ގިނަ އަދަދެއްގެ އޮފްސަރުންވެސްވަނީ އިސްތިއުފާ ދީފައެވެ. މިކަން އިސްރާއީލު ސިފައިން އިއްޔެވަނީ ހާމަ ކޮށްފައެވެ.