މީގެ ހަ ދުވަސް ކުރިން ބޮލީވުޑްގެ އެކްޓަރު ސައިފް ދިރިއުޅޭ ގެއަށް ވައްކަން ކުރަން ވަތް މީހަކާ ދެމެދު ހިނގި ކުރިމަތިލުން ތަކެއްގައި ބޮޑެތި ޒަޚަމްތަކެއް ލިބުނު އެކްޓަރު ފަރުވާއަށް ފަހު ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފިއެވެ.
އުމުރުން 54 އަހަރުގެ އެކްޓަރުގެ އާއިލާ މުމްބާއީގެ ބަންޑްރާގައި ދިރިއުޅެމުން އަންނަ އެޕާޓްމަންޓަށް ވައްކަން ކުރަން ވަތް މީހާއާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ސައިފްގެ ގައިގެ ހަ ތަނަކަށް އެމީހާ ވަނީ ހަމަލާދީފައެވެ.
ސައިފަށް ލިބުނު ޒަޚަމްތަކުގެ ތަފުސީލު ދެމުން އެކްޓަރު ފަރުވާ ހޯދަމުން އަންނަ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުންގެ ޓީމުން ބުނެފައި ވަނީ، ސައިފްގެ މައިބަނދައަށް ހަރާލި 2.5 އިންޗީގެ ވަޅީގެ ތިލަ ނެގުމަށްފަހު ހާއްސަ ސާޖަރީއެއް ކުރަން ޖެހުނު ކަމަށެވެ.
މީގެއިތުރުން ސައިފްގެ އަތަށް ވެސް ވަރަށް ފުންކޮށް ވަޅި ހަރާފައިވާ ކަމަށާއި ފަރުވާއަށް ފަހު ސައިފްގެ ހާލު ރަގަޅު ކަމަށް ޑޮކްޓަރުންގެ ޓީމުން މީޑިއާއަށް ވަނީ މައުލޫމާތު ދީފައެވެ. ސައިފް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔައިރު އާއިލާގެ މެމްބަރުންގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވަނީ އެކްޓަރަށް ޒިޔާރަތްކޮށްފައެވެ.
އޭގެތެރޭގައި ކަރީނާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ފިލްމީ ތަރިން ކަމަށްވާ ރާނީ މުކަރުޖީ، ރިތޭޝް ދޭޝްމުކްގެ ދެމަފިރިން، ސަންޖޭ ދަތު، ޝާހްރުކް ޚާން، އާލިއާ ބަޓްގެ ދެމަފިރިން އަރުޖުން ކަޕޫރު، ކަރަން ޖޯހަރު އަދި މަލައިކާ އަރޯރާ ހިމެނެއެވެ.
ސައިފްގެ އާއިލާ ދިރިއުޅޭ ގެއަށް ވައްކަން ކުރަން ވަތް ކަމަށް ޝައްކު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެމީހާ އަކީ ބަންގަލަދޭޝްއަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މުޙައްމަދު ޝަރިފުލް އިސްލާމް ޝާހްޒާދު ނަމަކަށް ކިޔާ 30 އަހަރުގެ މި މީހާ އިންޑިއާގައި ދިރިއުޅެމުން އަންނަނީ އެކި ނަން ނަމުގައި ކަމަށް ފުލުހުން ބޭއްވި ޕްރެސް ކޮންފަރެސްއެއްގައި ވަނީ ބުނެފައެވެ.
ބޮލީވުޑްގެ މަގުބޫލު ބަތަލާ ކަރީނާގެ ފިރިމީހާ ސައިފަށް ހަމަލާ ދިން ކަމަށް ތަހުގީގުގައި އެމީހާ އެއްބަސްވެފައިވާ ކަމަށާއި އެނާ އަކީ ކުރިން ހައުސްކީޕިންގް ކުންފުންޏެއްގައި އަދި ފަހުން ރެސްޓޯރެންޓެއްގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މީހެއް ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.
ސައިފް ގެއަށް ދޫކޮށްލާކަން މިއަދު މީޑިއާތަކުން ތަންކޮޅެއް ކުރިން ހާމަކޮށްފައި ވާއިރު ސައިފް ދިރިއުޅޭ އިމާރާތް ހުންނަ ސަރަހައްދުގެ ސެކިއުރިޓީ ކަންކަން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.