ޕީއެންސީގެ ފޯމުތަކެއް ޑީއެންއާރުގެ ތެރޭގައި ފުރިކަމަށް މަޖީދު އެއްބަސްވެވަޑައިގެންފި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ/ އަފޫ

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މީޓިން ރޫމް ތެރޭގައި ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންތަކެއް ޕީއެންސީއަށް ފޯމު ފުރި ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް މިއަދު އެއްބަސްވެވަޑައިގެންފިއެވެ.

ޕީއެންސީގެ ފޯމުތަކެއް ސަރުކާރުގެ އޮފީހެއްގެ ތެރޭގައި ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައިވަނީ އާންމުވެފައެވެ. އެތަނުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ހުންނެވި އިރު، ޕާސްޕޯޓު ސައިޒު ފޮޓޯތަކެއް ކަފާ މަންޒަރު ވެސް ފެނެއެވެ.

ޑީއެންއާރުގެ މީޓިން ރޫމް ---- ސަން ފޮޓޯ/ އަފޫ

ޑީއެންއާރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ގިނަ ނޫސްވެރިން ސުވާލުކުރީ އެ ފޮޓޯތަކުން ފެންނަނީ ޑީއެންއާރުގެ މީޓިން ރޫމް ތޯއާއި އެތަނުގައި ފޯމު ފުރިތޯއެވެ.

އެ ބައްދަލުވުމުގައި މަޖީދު ވިދާޅުވީ، މިއަދު ނޫސްވެރިންނަށް ދައްކާލީ ފޯމުތައް ފުރި މީޓިން ރޫމު ކަމަށެވެ.

"އެ ތަނުގެ ތެރޭގައި އަޅުގަނޑުމެން ގެންގޮސްފައި އޮތް މަސައްކަތެކޭ އިޝާރަތް ތި ކުރައްވާ މަސައްކަތަކީ، މި ދެންނެވި ބީދައިން ވަކިން ހުރި މީޓިން ރޫމެއްގެ ތެރެއިން ކުރެވިފައި ހުރި މަސައްކަތެއް،" މަޖީދު ވިދާޅުވިއެވެ.

އޭގެއިތުރުން، އޭނާ ވިދާޅުވީ، 'އަސާސެއް ނެތް' ތުހުމަތުތަކެއް ޑީއެންއާރަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ނޫސްވެރިންގެ ގިނަ ކަންބޮޑުތަކާއި ސުވާލުތައް ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ހޯމް މިނިސްޓްރީއަށް ނިސްބަތްވާ ސިޔާސީ މުވައްޒަފުން 1500 އެއްހާ ފޯމު ހުށަހެޅި ކަމަށް އޭނާ ވިދާޅުވިއެވެ. ޑީއެންއާރުގެ ބައިވެރިވުމެއް އޮތް ނަމަ އެއަށް ވުރެ ގިނަ ފޯމު ވެސް ހުށަހެޅުނީސް ކަމަށް މަޖީދު ވިދާޅުވިއެވެ.

މިނިސްޓްރީގެ ދަށުން 56 ސިޔާސީ ބޭފުޅުން ތިއްބަވާ ކަމަށާއި އެހެންވެ ވީވަރަަކުން ފޯމުތައް ގެނައުމަށް އެދުނީކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ/ އަފޫ

"ދައުލަތުގެ އެއްވެސް އޮފީހެއްގެ ތެރޭގައި ސިޔާސީ ގޮތުން، ޚާއްސަ ގޮތެއްގައި މެމްބަރުން އިތުރުކުރުން، މެމްބަރުންނާ ގުޅޭ އެހެނިހެން ކަންކަން ކުރިކަމުގެ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް އެނގިފައެއް ނެތް،" މަޖީދު ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، އެ މައްސަލައިގައި ސީރިއަސް ތުހުމަތުތަކެއް އޮތްނަމަ އެކަމާ ގުޅޭ ތަހުގީގެއް ކަމާ ގުޅޭ އިދާރާއަކުން ކުރިއަށްގެންދިޔުމުން އެ މައުލޫމާތެއް ހާމަވާނެ ކަމަށެވެ.

"މިފަދަ ބްރީފިންތައް އަޅުގަނޑުމެން ބާއްވަނީ އެ ކަނޑައެޅިފައި އޮންނަ ސަބްޖެކްޓެއްގެ ތެރެއިން އެކަމަކަށް އެޑްރެސް ކުރަން. އަޅުގަނޑު ދެންނެވިން ބްރީފިން ފެށުމުގެ ކުރިން މިއަދުގެ ބްރީފިންގެ ބޭނުމަކީ ޑީއެންއާރުގެ މަސައްކަތްތައް [ދައްކާލަން ކަމަށް]. މިހާރު ތި އިޝާރާތްކުރައްވާ ސުވާލު ނުވަތަ ތުހުމަތު ކުރައްވާ ކަންކަމާ ގުޅޭގޮތުން އެކަންކަމަށް ޖަވާބުދާރީވެ، އޭގެ ތަހުގީގެއް ހިންގާފައި އެކަމުގެ މައުލޫމާތު، ނުވަތަ އެއާ ގުޅުންހުރި ކަމެއްގައެއް ނޫން އެއްވެސް ހާލެއްގައި," މާޖިދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވައި ފިއްލެވުމުން ޑީއެންއާރުގެ އޮފީހުގެ ތެރޭގައި ނޫސްވެރިންތައް ---- ސަން ފޮޓޯ/ އަފޫ

ލީކުވި ފޮޓޯތަކުގައި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ ފެންނައިރު، އެކަމާ ގުޅުވައި އޭނާ ވިދާޅުވީ، އެ ދުވަހު އޭނާ އެތަނަށް ދިޔައީ ހަމައެކަނި ޕިއްޒާއެއް ކާން ކަމަށާއި އިތުރު ފޮޓޯއެއްގައި ނުހުންނާނެ ކަމަށެވެ.

"އަޅުގަނޑު ދިޔަ ގަޑީގައި ހަމައެކަނި ޕިއްޒާ ކާން ތިބީ. ފޮޓޯގައި ވެސް އިންނާނީ އަޅުގަނޑު ޕިއްޒާ ކެއި ގަޑީގައި އެކަނި،" އާލީ ވިދާޅުވިއެވެ.

އާލީ އިތުރަށް ވިދާޅުވީ، އުސޫލުގެ ތެރެއިން ހޯމް މިނިސްޓްރީގެ ބިއުރޯއިން އެދިގެން މީޓިން ރޫމް ދޫކުރާ ކަމަށް ވިޔަސް އެތަނުގެ ކުރާ މަސައްކަތެއް ނުބަލާ ކަމަށާއި ލީކުވި ފޮޓޯތަކުގައި ޑީއެންއާރުގެ އެއްވެސް މުވައްޒަފަކު ނުހުންނާނެ ކަމަށެވެ.

ސިޔާސީ ޕާޓީއަކަށް ވަންނަން ފޯމް ފުރާއިރު އައިޑީކާޑުގެ ކޮޕީއެއް ބޭނުންވާކަން ފާހަގަކުރައްވައި އާލީ ވިދާޅުވީ، ޑީއެންއާރުގައި އެއްވެސް ވަރަކަށް އައިޑީކާޑުގެ ކޮޕީ ނުހުންނާނެ ކަމަށެވެ.

އެ މައްސަލައިގައި ނޫސްވެރިން ސުވާލުކޮށްކޮށް ތިއްބައި، މާޖިދު ވަނީ ޑީއެންއާރުގެ މަސައްކަތްތައް ބެލުމަށް އޮފީހުގެ އެތެރެއަށް ވަނުމަށް ދައުވަތު ދެއްވުމަށްފަހު ބައްދަލުވުން ނިންމަވާލައްވައިފައެވެ. އެއާއެކު އޭނާ ނޫސްވެރިންނަށް ފިއްލެވިއިރު، އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އާލީ ވެސް ވަނީ ނޫސްވެރިން ސުވާލުކުރަން ތިއްބައި އެ ތަން ދޫކުރައްވައި ވަޑައިގެންފައެެވެ.

comment ކޮމެންޓް