ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ވެރިއަކަށް ކުރިން ހުންނެވި ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއިން ގަތް ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް އަތުލުމުން، އެކަމާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ ނިންމީ ރަނގަޅަށް ކަމަށް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.
ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް އަމިން އެވެނިއުއިން ދެ ފުލެޓު ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ. އެ ކަމަށް އެފްއޭއެމްގެ ފަައިސާއިން 3،084،000 ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި އެ ދެ އެޕާޓްމެންޓް އޭނާގެ އަތުން ނެގުމަށް އަމުރުކުރީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުންނެވެ.
އެއާއެކު އަމީން އެވެނިއުއިން ބައްސާމް ގަތް ދެ އެޕާޓްމަންޓް ވެސް މިދިޔަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހުގެ 12:00 ގެ ކުރިން ފުލުހުންނާ ހަވާލުކުރަން އެންގިއެވެ. އެއީ، ފަހުން މުއްދަތު އެއް ދުވަހަށް އިތުރުކޮށްދިނުމަށް ފަހުގައެވެ. އެ ދެ އެޕާޓްމަންޓު އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
އެ އަމުރު އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. އެ ކަން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފްކުރުމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެެރެއިން އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔުގައިވަނީ ރަޖިސްޓްރާގެ ނިންމުން ބާތިލްކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް ދެން މައްސަލަ ބެއްލެވި ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔުގައިވަނީ މި މައްސަލަ ފުރަތަމަ މުރާޖާ ކުރަން ހުށަހެޅޭނީ ފުރަތަމަ މަރުހަލާގެ ކޯޓަށް ކަމަށެވެ. އިސްތިއުނާފްކުރެވޭނީ މުރާޖާކުރި ގޮތް ކަމަށެވެ. އެއާއެކު ރަޖިސްޓްރާގެ ނިންމުން ރަނގަޅުކަމަށް ވަނީ ބަޔާންކުރައްވައިފައެވެ.
މީގެ އިތުރުން ފަނޑިޔާރު މުޙައްމަދު ޝަނީޒް އަބްދުﷲ ވަނީ ރަޖިސްޓްރާގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ބަޔާންކުރައްވައިފައެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި ބައްސާމް މި ދެ އެޕާޓްމަންޓް ގަތީ ކޮވިޑު-19ގެ ދުވަސްވަރު ދިވެހި ފުޓުބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަންނަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ދިން ލޯން އެހީގެ ފައިސާއިންނެވެ.
އެ ފައިސާއިން އެއް މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަންސްއަށް ބައްސާމް ދެއްކި ކަމަށް ފުލުހުން ބުނެއެވެ.