ފިލްމުގެ ޝޫޓިންގައި އުޅެނިކޮށް އަރުޖުން ބޮލަށް ވެއްޓުނީ ސީލިން

ބޮލީވުޑް އެކްޓަރު އަރުޖުން ކަޕޫރު -- ފޮޓޯ ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރު މަސައްކަތް ކުރަމުން އަންނަ ފިލްމު "މެރޭ ހަޒްބެންޑް ކީ ބިވީ"ގެ ސެޓުގައި ޝޫޓިންގް ކުރިއަށް ދަނިކޮށް އެކްޓަރުގެ ބޮލަށް އެތަނުގެ ސީލިން ވެއްޓި އަނިޔާވެއްޖެއެވެ.

އަރުޖުންގެ ބޮލަށް ސީލިން ވެއްޓުނީ ބަތަލާ ބޫމީ ޕެޑްނެކާރުއާ އެކު ފިލްމުގެ ލަވައެއްގެ މަންޒަރު ޝޫޓްކުރަމުން ދަނިކޮށެވެ. މި ޝޫޓިންގް ކުރިއަށް ދިޔައީ އިންޑިއާގެ މުމްބާއީގެ ހޮޓަލެއް ކަމަށްވާ އިމްޕީރިއަލް ޕެލެސް، ރޯޔަލް ޕާމްސްގައެވެ.

ބޫމީގެ އިތުރުން ފިލްމު ޕްރޮޑިއުސަރު ޖެކީ ބަގްނާނީ އަދި ޑައިރެކްޓަރު މުދައްސަރު އަޒީޒު ވެސް މި ހާދިސާ ހިނގިއިރު އެތަނުގައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސީލިން ވެއްޓުނު ހާދިސާއާ ގުޅިގެން އަރުޖުންއަށް ކޮންމެވެސް ވަރަކަށް އަނިޔާވި ނަމަވެސް މާބޮޑު އަނިޔާއެއް ނުވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. އިންޑިއާގެ ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސައިން އެމްޕްލޯއީސް (ފްވައިސް)އާ ހަވާލާދީ ރިޕޯޓުތައް ބުނެފައި ވަނީ މި ހާދިސާ ހިނގަން މެދުވެރިވީ އެތަނުގައި ބޭނުންކުރި ސައުންޑު ސިސްޓަމްގެ އަޑު ގަދަވެ ވައިބްރޭޓްވާން ފެށުމުން ކަމަށެވެ.

ފިލްމު "މެރޭ ހަޒްބެންޑް ކީ ބިވީ"ގެ ސެޓުގައި އަރުޖުން ކަޕޫރު ބަތަލާއިން ކަމަށްވާ ބޫމީ އަދި ރަކުލްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ފިލްމުތަކުގެ ޝޫޓިންގް ކުރިއަށްގެންދާ ލޮކޭޝަންތަކަށް ދިއުމުގެ ކުރިން އެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރި ނަމަވެސް ވަރަށް ގިނަ ފަހަރަށް އެފަދަ ތަންތަން ކުއްޔަށް ދޭ މީހުން ތަންތަން ދޫކުރަނީ ރަގަޅަށް އެކަން ބަލާނުލާ ކަމަށް ފްވައިސްއިން ވަނީ ބުނެފައެވެ.

މިފަދަ މައްސަލަތައް ހާއްސަކޮށް ދިމާވަނީ ތަންކޮޅެއް ދުވަސްވެފައިވާ ލޮކޭޝަންތައް ކުއްޔަށް ނަގާއިރު ކަމަށް ވެސް ފްވައިސްއިން ވަނީ ފާހަގަކޮށްފައެވެ.

ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 21ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތައްޔާރުވަމުން އަންނަ ފިލްމު "މެރޭ ހަޒްބެންޑް ކީ ބިވީ"ގެ ކާސްޓުންގެތެރޭ ބަތަލާ ރަކުލް ޕްރީތު ސިންގް ވެސް ހިމެނެއެވެ.

comment ކޮމެންޓް