ސައިފް ސޮއިކޮށްފައި ހުރި ފިލްމުތަކުގެ މަސައްކަތް ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

އެކްޓަރު ސައިފް އަލީ ޚާން -- ފޮޓޯ/ ބީބީސީ

މި މަހު ފަށަން ނިންމާފައި އޮތް ބޮލީވުޑް އެކްޓަރު ސައިފް އަލީ ޚާންގެ ނެޓްފްލިކްސް ފިލްމުގެ އިތުރުން އެކްޓަރު ސޮއިކޮށްފައި ހުރި އެހެން ފިލްމުތަކުގެ މަސައްކަތް ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

ވަކި ނަމެއް ހަމަޖެހިފައި ނުވާ ނެޓްފްލިކްސްގެ މި ފިލްމަކީ ސައިފްގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމުތަކުގެ ތެރޭ ހިމެނޭ ޑައިރެކްޓަރު ނިކިލް އަދުވާނީ ޕްރޮޑިއުސްކޮށް ރާހުލް ދޮލާކިއާ ޑައިރެކްޓް ކުރާ ފިލްމެކެވެ. ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގެ މަސައްކަތް ފެށުމަށް ހުރިހާ ތައްޔާރީ ތަކެއް ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ޓީމުން ވަނީ ވެފައެވެ.

މިއަދު ފިލްމުގެ މަސައްކަތް ފެށުމަށް ފިލްމު ކްރޫއިން ތައްޔާރުވި ނަމަވެސް ފިލްމުގެ މަސައްކަތް ލަސްކުރީ މީގެ ދެ ދުވަސް ކުރިން އެކްޓަރު ސައިފް ދިރިއުޅޭ ގެއަށް ވައްކަން ކުރަން ވަން މީހަކު އެކްޓަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެންނެވެ. މި ހަމަލާއާ ގުޅިގެން ސައިފްއަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު އެކްޓަރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.

ސައިފް ޑައިރެކްޓަރު ނިކިލް އަދުވާނީއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ޕްރަތީކް ގާނދީ އަދި ދީޕަކް ދޮބްރިއާލް މުހިއްމު ރޯލެއް ކުޅެން ހަމަޖެހިފައިވާ މި ފިލްމަކީ އިންޑިއާގެ ފުރަތަމަ އިލެކްޝަން ކޮމިޝަނަރު ސުކްމާރު ސެންގޯގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ތާރީޚީ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ 1947ވަނަ އަހަރު އިންޑިއާއަށް މިނިވަންކަން ލިބުމަށްފަހު ބޭއްވި ފުރަތަމަ އާއްމު އިންތިޚާބުގެ މައްޗަށެވެ.

މި އިންތިޚާބު ބާއްވާފައި ވަނީ 1951ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި 1952 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށެވެ. ފިލްމުގައި ސައިފް ކުޅެން ހަމަޖެހިފައި ވަނީ އިލެކްޝަން ކޮމިޝަނަރު ސުކްމާރު ސެންގޯގެ ރޯލެވެ.

ސައިފްއަށް ދިން ހަމަލާއާ ގުޅިގެން އެކްޓަރު އެއްކޮށް ރަނގަޅު ވަންދެން ފިލްމުގެ މަސައްކަތް މަޑުޖައްސާލަން ނިންމާފައިވާ ކަމަށް ބޮލީވުޑް ހަންގާމާގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް