މި އަހަރުގެ މާޗް މަހު ރިލީޒްކުރާނެކަމަށް އިއުލާނުކޮށްފައިވާ ބޮލީވުޑް އެކްޓަރު ޖޯން އަބްރަހަމްގެ ފިލްމު "ދަ ޑިޕްލޮމެޓް"ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފިއެވެ.
ހަގީގީ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގައި ޖޯން ދައްކުވައިދޭނީ އިންޑިއާގެ ސަރުކާރުގެ ވަރަށް ހައި ރޭންކް އޮފިޝަލެއްގެ ގޮތުގައެވެ.
ޖޯން ވަރަށް އޮފިޝަލް ލުކްއެއްގައި ޕޯސްޓަރުގައި ފެންނައިރު ސޯޝަލް މީޑިއާގައި ފިލްމުގެ ޕޯސްޓަރު ހިއްސާ ކުރަމުން އެކްޓަރު ބުނެފައި ވަނީ ހަގީގީ ބަތަލުންނަށް ހަތިޔާރު ބޭނުމެއް ނުވާނެ ކަމަށެވެ.
ޑިޕްލޮމެސީގެ ދިރިއުޅުން ދައްކުވައިދޭ މި ފިލްމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ފަޚުރެއް ކަމަށާއި މާޗް މަހުގެ ހަތްވަނަ ދުވަހު ތިއޭޓަރުން ބެލުންތެރިންނާ ބައްދަލު ކުރާނެ ކަމަށް ޖޯން ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.

ޖޯން އަދި ބަތަލާ މަނޫޝީ ޗިލަ ފިލްމު "ތެހެރާން"ގެ ސެޓުގައި ނަގާފައިވާ ފޮޓޯއެއް ބަތަލާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައި--ފޮޓޯ/ބޮލީވުޑްލައިފް
ޓީ ސީރީސް އާއި، ޖޭއޭ އެންޓަޓެއިންމަންޓް އަދި ވަކާއޫ ފިލްމްސް ގުޅިގެން ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ ޝިވަމް ނައިރްއެވެ. ޝިވަމް އަކީ 2017ވަނަ އަހަރު ބަތަލާ ތާޕްސީ ޕަންނޫ ލީޑް ރޯލް ކުޅުނު ފިލްމު "ނާމް ޝަބާނާ"ގެ ޑައިރެކްޓަރެވެ.
ޖޯން އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރި ފިލްމު "ވެދާ"އިންނެވެ. މި ފިލްމުގައި ޖޯން ކުޅެފައި ވަނީ އަސްކަރީ އޮފިސަރެއްގެ ރޯލެވެ. ބަތަލާ ޝަރުވަރީ ވާގްއާ އެކު ޖޯން ފެނުނު ފިލްމު "ވެދާ"ގެ ޕްރޮމޯޝަން އިންޓަވިއުއެއްގައި ޖޯން ބުނެފައި ވަނީ "ދަ ޑިޕްލޮމެޓް"ގެ އިތުރުން ދެން އޭނާ މަސައްކަތް ކުރަމުން އަންނަ ފިލްމަކީ "ތެހެރާން"ގެ ނަމުގައި އުފައްދާ ފިލްމެއް ކަމަށެވެ.
މި އިންޓަވިއުގައި ޖޯން ބުނެފައި ވަނީ މިހާރު ބޮޑަށް ޝައުގުވެރި ވަނީ ޖިއޯޕޮލިޓިކްސް ފިލްމުތައް ކުޅެން ކަމަށެވެ. ޖޯންއާ އެކު ފިލްމު "ތެހެރާން"އިން ބަތަލާގެ ރޯލްއިން ފެންނާނީ މަނޫޝީ ޗިލާއެވެ.