ގިނަ ބައެއްގެ އިހުތިރާމާއި ލޯބި ހޯދާފައިވާ އިންޑިއާގެ މިއުޒީޝަން އޭއާރް ރަހްމާނަކީ އެއްވެސް މީހަކާ މާބޮޑު ގުޅުމެއް ބާއްވާ އެހާ ރައްޓެހިކޮށް އުޅޭ މީހެއް ނޫން ކަމަށް ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ބުނެފިއެވެ.
އޭއާރް ރަހްމާންއާ އެކު ދިގު މުއްދަތެއް ވަންދެން މިއުޒިކް ކޮމްޕޯސް ކުރުމުގެ އިތުރުން މަޝްހޫރު ފިލްމުތައް ކަމަށްވާ "ދައުދު"، "ތާލް" އަދި "އަސޯކާ"ގެ ލަވަތައް އުފެއްދުމުގެ މަސައްކަތް ސޯނޫ ވަނީ ކޮށްފައެވެ.
އޭއާރް ރަހްމާނާއެކު އެންމެ ފުރަތަމަ މަސައްކަތް ކުރި ފިލްމު "ދައުދު"ގެ މިއުޒިކް އުފެއްދި ދުވަސްވަރު ސޯނޫ ބޭނުންވި ގޮތަށް މިއުޒިކް އުފެއްދުމުގެ ފުރުސަތު އޭއާރް ރަހްމާން ދިނުމުން ވަރަށް ހައިރާންވި ކަމަށް މަގުބޫލު ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ސޯނޫ ބުނީ އޭއާރް ރަހްމާނަކީ މިހާތަނަށް އޭނާ މަސައްކަތް ކުރި މިއުޒީޝަނުންގެ ތެރެއިން އެންމެ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާކަމަށް ފާހަގަ ކުރެވުނު ފަންނާނެއް ކަމުގައެވެ.
އެގޮތުން އަމިއްލަ ދިރިއުޅުމުގައި އެހެންމީހުންނާ އެކު އެ އޮންނަ ގާތްކަން މިއުޒިކް އުފެއްދުމުގެ ރަސްމީ މަސައްކަތާ މަސްހުނި ނުކުރާ ކަމަށާއި އެފަދަ މީހަކަށް އޭއާރް ރަހްމާނާ އެކު މަސައްކަތް ނުކުރެވޭނެ ކަމަށް ސޯނޫ ވަނީ ބުނެފައެވެ.
ކިތަންމެ އެކީގައި ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރި ނަމަވެސް އޭއާރް ރަހްމާނަކީ އެއްވެސް މީހަކާ މާ ރައްޓެހިކޮށް އުޅޭ މީހެއް ނޫން ކަމަށާއި އަމިއްލަ ދިރިއުޅުމުގެ ޒާތީ ވާހަކަ ވެސް އެއްވެސް މީހަކާ ހިއްސާކުރި މަންޒަރު މިހާތަނަށް ފެނިފައި ނުވާ ކަމަށް ސޯނޫ ވަނީ ބުނެފައެވެ.
ހަމައެއާއެކު އޭއާރް ރަހްމާނަކީ އެހެން މީހުންގެ ވާހަކަތައް ދައްކައި އުޅޭ މީހެއް ނޫން ކަމަށާއި އެއީ ކުޅަދާނަ ލަވަކިޔުންތެރިޔާ އަދި މިއުޒީޝަނުގެ ކިބައިގައި ހުންނަ ވަރަށް ރަގަޅު ސިފައެއް ކަމަށް ލަވަކިޔުންތެރިޔާ ސޯނޫ ވަނީ ބުނެފައެވެ.
މިހާތަނަށް އެއްވެސް މީހަކަށް ދެރަ ބަސް ބުނެ އެހެން ލަވަކިޔުންތެރިންނާ އަދި މިއުޒީޝަނުންނާ ބެހޭގޮތުން ގޯސްކޮށް ވާހަކަ ދައްކާފައި ނުވާ މި މިއުޒީޝަނަކީ ވަރަށް 'ޔުނީކް' ޝަހްސިއްޔަތެއް ކަމަށާއި އާއްމުންގެ ލޯތްބާއި އިހުތިރާމް އޭއާރް ރަހްމާނަށް ލިބުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެއީ ކަމަށް ސޯނޫ ވަނީ ބުނެފައެވެ.