ޔަޝް ރާޖް ފިލްމްސްގެ އެންމެ މަގުބޫލު ފްރެންޗައިޒްތަކުގެ ތެރޭ ހިމެނޭ ފިލްމު "ދޫމް"ގެ ހަތަރުވަނަ ފިލްމުގެ ޝޫޓިންގް އަންނަ އަހަރު ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭގައި ބުނެފައިވާ ގޮތުން މި ފިލްމުން އެކްޓަރު ރަންބީރު ކަޕޫރު ފެންނާނީ ވަރަށް ތަފާތު އެކްޝަން ހީރޯއެއްގެ ގޮތުގައެވެ.
ރަންބީރުގެ ކެރިއަރުގެ އެންމެ ފުރަތަމަ ފްރެންޗައިޒް ފިލްމު "ދޫމް 4"ގެ މަސައްކަތް ފެށުމުގެ ކުރިން އޭނާ މިހާރު މަސައްކަތް ފަށާފައިވާ "ރާމަޔާނާ" އަދި "ލަވް އެންޑް ވޯ"ގެ މަސައްކަތް ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމުގެ ލީޑް ރޯލަށް ރަންބީރު ގެންނަން ނިންމާފައި ވާއިރު ފިލްމުގައި ފެންނާނެ ދެ ލީޑް ބަތަލާއިން އަދި ވިލެންގެ ރޯލް ކުޅޭނެ އެކްޓަރަކު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ރަންބީރު އެންމެފަހުން ކުޅުނު ވައިއާރްއެފްގެ ފިލްމަކީ 2022ވަނަ އަހަރު ރިލީޒްވި ފިލްމު "ޝަމްޝޭރާ"އެވެ. ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ފިލްމެއް ނުލިބުނު ނަމަވެސް ރަންބީރު ފިލްމުގައި ފެނުނު ކެރެކްޓާ ކުޅެފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށް ބުނެ އިންޑަސްޓްރީގެ ގިނަ ބައެއްގެ ތަރުހީބު އެކްޓަރަށް ލިބުނެވެ.
ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރާ "ދޫމް" ފްރެންޗައިޒްގެ ފިލްމު ތަކަކީ ވަރަށް ބޮޑު ތަރުހީބެއް އަބަދު ވެސް ލިބޭ ފިލްމުތަކެކެވެ. އެންމެފަހުން މި ފްރެންޗައިސްގެ ފިލްމެއް ރިލީޒްކޮށްފައި ވަނީ 2013ވަނަ އަހަރުއެވެ. އެ އަހަރު ފިލްމުން ޑަބަލް ރޯލްއިން ފެނުނީ އާމިރު ޚާންއެވެ. މި ފިލްމުގެ ބަތަލާގެ ރޯލް ކުޅެފައި ވަނީ ކެޓްރީނާ ކައިފްއެވެ.