މަރުވާ މީހުންގެ އަދަދު އިތުރުވެ، ޗައިނާގެ އާބާދީ 2024 ވަނަ އަހަރު ޖެހިޖެހިގެން ތިން ވަނަ އަހަރަށް ދަށަށް ހިގައްޖެއެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކުރިއަށްއޮތް އަހަރުތަކުގައިވެސް ޗައިނާގެ އާބާދީ ދާނީ މަދުވަމުންނެވެ.
ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ ޗައިނާގެ ޖުމްލަ އާބާދީގެ އަދަދުން 2024 ވަނަ އަހަރު 1.39 މިލިއަން ދަށްވެ، 1.408 ބިލިއަނަށް އަރާފައިވާއިރު، 2023 ވަނަ އަހަރު އެ އަދަދު 1.409 ބިލިއަނަށް އަރާފައިވާ ކަމަށެވެ.
މިއަދު އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ޗައިނާގައި މަސައްކަތްތެރިންނާއި ކޮންސިއުމަރުންގެ އަދަދު ދަށްވުމުން އުނދަގޫތަކެއް ކުރިމަތިވާނެއެވެ. އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ދިނުމާއި ރިޓަޔަރމަންޓް ބެނެފިޓްތަކުގެ ސަބަބުން ކުރާ ހަރަދުތައް އިތުރުވުމަކީ މިހާރުވެސް ދަރަނިވެރިވެފައިވާ ލޯކަލް ގަވަރމަންޓްތަކަށް އިތުރު ދަތިތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމެކެވެ.
ޗައިނާގައި ވިހެއުމުގެ ޖުމްލަ އަދަދު 9.54 މިލިއަނަށް އަރާފައިވާއިރު، 2023 ވަނަ އަހަރު 9.02 މިލިއަން ކުދިން އުފަންވިކަމަށް ތަފާސްހިސާބު ބިއުރޯއިން ބުނެއެވެ. ވިހެއުމުގެ ނިސްބަތް 2024 ވަނަ އަހަރު ކޮންމެ 1،000 މީހަކަށް 6.77 އަށް އިތުރުވެފައިވާއިރު، 2023 ވަނަ އަހަރު އުފަންވާ މީހުންގެ އަދަދު ވަނީ 6.39 އަށް އަރާފައެވެ.
ދެހާސް ތޭވީސް ވަނަ އަހަރު 11.1 މިލިއަން މީހުން މަރުވިއިރު، 2024 ވަނަ އަހަރު މަރުވި މީހުންގެ އަދަދަކީ 10.93 މިލިއަންއެވެ.
ޗައިނާއިން 1980 އިން 2015 ގެ ނިޔަލަށް ގެންގުޅު އެއް ކުއްޖަކު ވިހެއުމުގެ ސިޔާސަތުގެ ސަބަބުން ޗައިނާގައި އުފަންވާ މީހުންގެ ނިސްބަތް ދަށަށްދާތާ ދިހަވަރަކަށް އަހަރު ވެއްޖެއެވެ.
ކުދިން ބަލަހައްޓާ ތައުލީމު ދިނުމަށް ކުރާ ބޮޑު ޚަރަދުގެ އިތުރުން ވަޒީފާގެ ޔަގީންކަން ނެތުމާއި އިގްތިސާދު މަޑުޖެހުމުން ވެސް ޗައިނާގެ ގިނަ ޒުވާނުން ކައިވެންޏެއްކޮށް އާއިލާއެއް ފަށަން ބޭނުމެއްނުވެއެވެ.
ދެހާސް ތޭވީސް ވަނަ އަހަރު ކައިވެނި ކުރި މިންވަރު 12.4 ޕަސެންޓް އިތުރުވި ނަމަވެސް އޭގެކުރިން ކޮވިޑް-19 ގެ ސަބަބުން ގިނަ ބަޔަކު ވަނީ ކައިވެނިކުރުން ލަސްވެސްކޮށްފައެވެ. މިދިޔަ އަހަރު ވިހެއުމުގެ އަދަދު އިތުރުވި ކަމަށް ޑިމޮގްރަފަރުން ވިދާޅުވި ނަމަވެސް މި އަހަރު އަނެއްކާވެސް އެ އަދަދު ދަށްވާނެ ކަމަށް ބެލެވެއެވެ.
ޗައިނާގައި އުފަންވާ މީހުންގެ ނިސްބަތް އިތުރުކުރުމަށް 2024 ވަނަ އަހަރު ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ސިލްސިލާ ފިޔަވަޅުތަކެއް ވަނީ ހާމަކޮށްފައެވެ.
އެގޮތުން ޑިސެމްބަރު މަހު ސަރުކާރުން ވަނީ ލޯބީގެ ތައުލީމާއި، ކައިވެނި ކުރުމާއި، އާއިލާ ބިނާކުރުމާބެހޭ މަންހަޖުތައް ހިމަނައިގެން ކިޔަވައިދިނުމަށް ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް އިލްތިމާސްކޮށްފައެވެ.