ޕްރިޔަންކާއަށް ނިކްގެ އާއިލީ ބޭންޑް 'ޖޯނަސް ބްރަދާސް'ގެ ފިލްމެއް

ޕްރިޔަންކާ ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ އެކު--ފޮޓޯ/ދަޕީޕަލް

އެމެރިކާގެ ލޮސް އެންޖެލެސްއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާއަށް ފިރިމީހާ ނިކް ޖޯނަސް އާއި ނިކްގެ ދެ ބޭބެއިން މުހިއްމު ރޯލް ކުޅޭ ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.

ޕްރިޔަންކާއަށް ފުރުސަތު ލިބިފައި ވަނީ އެމެރިކާގެ މަޝްހޫރު މިއުޒިކް ބޭންޑް 'ޖޯނަސް ބްރަދާސް'ގެ ހޮލިޑޭ ފިލްމަކުންނެވެ. ވަކި ނަމެއް އަދި ހަމަޖެހިފައިނުވާ މި ފިލްމުގެ މަސައްކަތް މިހާރު ޓޮރޮންޓޯގައި ފެށިފައިވާއިރު ފިލްމު ގެނެސްދޭނީ މަޝްހޫރު ފިލްމު ކުންފުނި ޑިޒްނީއާ ގުޅިގެންނެވެ.

ނިކްގެ އެއްބަނޑު އެއްބަފާ ދެ ބެއިން ކަމަށްވާ ޖޯ އަދި ކެވިންއާ އެކު ޕްރިޔަންކާ އާއި ނިކް ޓޮރޮންޓޯގައި އުޅޭ ފޮޓޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. މި ފިލްމުން ނިކް ޖޯނަސްގެ ތިން ބެއިންގެ އިތުރުން ހަގު ކޮއްކޮ ފްރޭންކީ ޖޯނަސް އަދި މަޝްހޫރު ފިލްމު "އޭޖެންޓްސް އޮފް ޝީލްޑް"ގެ ތަރި ކްލޯއީ ބެނޭ ވެސް ފެންނާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ޕްރިޔަންކާ "ޖޯނަސް ބްރަދާސް" ބޭންޑްގެ މެމްބަރުންނާ އެކު--ފޮޓޯ/ޕިންކްވިލާ

އެމެރިކާގެ މަޝްހޫރު މިއުޒިކް ބޭންޑް ކަމަށްވާ "ޖޯނަސް ބްރަދާސް"ގެ ފިލްމަކުން ބަތަލާ ޕްރިޔަންކާ ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ޕްރިޔަންކާ ވަނީ އެ ތިން ބެއިންނާ އެކު ނެޓްފްލިކްސްއިން ގެނެސްދިން ކޮމެޑީ ޝޯއެއްގައި ވެސް ބައިވެރިވެފައެވެ. ޕްރިޔަންކާ އަކީ ނިކްގެ ވަރަށް ގިނަ މިއުޒިކް ޓުއާތަކުގައި ވެސް ބައިވެރިވެ ބެންޗުގެ އެންމެ ކުރީގައި ފިރިމީހާއަށް ތާއީދުކުރުމަށް ހުންނަ މީހެއްކަން ފާހަގަކޮށްލެވެއެވެ.

މިހާރު ބައެއް ހޮލީވުޑް ފިލްމުތަކުގައި މަސައްކަތް ކުރަމުން އަންނަ ބަތަލާގެ ބައެއް ހޮލީވުޑް ފިލްމުތަކުން ވެސް ނިކް ވަނީ ފެނިފައެވެ. އޭގެތެރޭގައި 2023 ވަނަ އަހަރު ރިލީޒްވި ލޯބީގެ ފިލްމު "ލަވް އަގެއިން" ހިމެނެއެވެ. ހޮލީވުޑްގެ ދެ ފިލްމެއްގައި މަސައްކަތް ކުރަމުން އަންނަ ބަތަލާ ވަނީ ބޮލީވުޑްގެ ފިލްމެއްގެ މަސައްކަތް މި އަހަރު ފަށާނެކަން ދާދިފަހުން އިއުލާނުކޮށްފައެވެ.

comment ކޮމެންޓް