ބަންގި މުބާރާތުގެ އޮޑިޝަން ފެބްރުއަރީ 11ގައި ބާއްވަނީ

ބަރަކާތްތެރި ރޯދަަހުގެ ތަރާވީސް ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބޭއްވުމަށް ހަމަޖެހިފައިވާ "ނޫރުލް އަޛާން 1446″ ބަންގި މުބާރާތުގައި ބައިވެރިވެފައިވާ މީހުންނަށް ބާއްވާ އޮޑިޝަން ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފިއެވެ.

މި އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 11 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

ނޫރުލް އަޛާން ބަންގި މުބާރާތަކީ އުމުރުން 15 އަހަރާއި 20 އަހަރާ ދެމެދުގެ މީހުންނަށް އަމާޒުކޮށްގެން އެ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 40 މީހަކު ބައިވެރިވެފައިވާއިރު، އޮޑިޝަންގައި ވާދަކުރާނީ މުބާރާތުގައި ވާދަކުރުމަށް ޝަރުތުހަމަވާ 30 މީހުންނެވެ.

މި މުބާރާތުގެ މަޤުސަދަކީ ރީތި ރާޤުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުޤުވެރިކަން އުފެއްދުމާއި ޤައުމުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަ ކުރުމާއި ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި މުބާރާތުން ވަނަތަކަށް އަންނަ ބައިވެރިންނަށް އިނާމު ދިނުމަށާއި 1446 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ހަމަޖެހިފައިކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް