15 މަސްފަހުން ހަމަލާތައް ހުއްޓާލައި ޣައްޒާއިން ފައިބަން އިސްރާއީލަށް މަޖުބޫރުވެއްޖެ

15 މަސްފަހުން ހަމަލާތައް ހުއްޓާލައި ޣައްޒާއިން ފައިބަން އިސްރާއީލަށް މަޖުބޫރުވެއްޖެ

ދައުޙާ (15 ޖަނަވަރީ 2025) : އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް ދާއިމީ ގޮތަކަށް ހުއްޓާލައި ޣައްޒާއިން އެއްކޮށް ފޭބުމަށާއި ޑީލެއްގެ ދަށުން ރަހީނުންގެ މައްސަލަ ހައްލުކުރުމަށް އެންމެފަހުން އިސްރާއީލު އެއްބަސްވިކަން އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.

ދާދިދެންމެއަކު ޓްރަމްޕް އިއުލާން ކުރެއްވިގޮތުގައި އިސްރާއީލުން މިކަމަށް އެއްބަސްވެފައިވަނީ އެމެރިކާ، މިސްރު އަދި ގަތަރު މެދުވެރިއަކަށް ވެގެން އިސްރާއީލާއި ހަމާސް ޖަމާއަތުން ނުސީދާ ގޮތެއްގައި ގަތަރުގެ ވެރިރަށް ދައުހާގައި ކުރިޔަށްދިޔަ ވާހަކަތަކުގައެވެ.

އިސްރާއީލާއި ހަމާސް އަދި ގަތަރުން ވެސް ވަނީ އިސްރާއީލު މިޑީލްއަށް މުޅިން އެއްބަސްވެ ޑީލް އާ އެއްގޮތަށް ހަމަލާތައްވެސް ހުއްޓާލަން އެއްބަސްވެއްޖެކަން ކަށަވަރުކޮށްދީފައެވެ. މިއެއްބަސްވުމުގެ ދަށުން މިރޭގެ ވަގުތެއްގައި ހަމަލާތައް ހުއްޓާލުމަށް ވަނީ ހަމަޖެހިފައެެވެ.

މިއެއްބަސްވުމުގެ ދަށުން ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ ހުރިހާ ރަހީނުން މަރުހަލާތަކަކަށް ބަހާލައިގެން މިނިވަން ކުރާނެއެވެ. ހަމާސް އިން އިސްރާއީލުގެ ރަހީނުން މިނިވަންކުރާ މަރުހަލާތަކުގައި އިސްރާއީލުން ވެސް އިސްރާއީލުގެ އަތްދަށުގައިވާ ފަލަސްތީނުގެ އެތަށް ހާސް ބަޔަކު މިނިވަންކުރާނެއެވެ.

މިއާއެކު އިސްރާއީލުން ޣައްޒާއަށް ދޭ ހަމާލާތައް (އިސްރާއީލު ޣައްޒާގައި ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް) ވެސް ދާއިމީ ގޮތަކަށް ހުއްޓާލާނެއެވެ. ކުރިން އިސްރާއީލު ގަދަ ދެއްކީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ފާއިތުވި 15 މަސްދުވަހު އިސްރާއީލުން ވަނީ ޣައްޒާގެ އާންމުން މަރައި އާންމުން ބަނޑަށް ޖައްސައި ބިރުދައްކައި ގަދަބާރު ބޭނުންކޮށްގެން ހަމާސް ބަލިކުރެވޭނެކަމަށް ބުނެ ހަމާސް ބަލިކޮށްގެން ނޫންގޮތަކަށް ރަހީނުން މިނިވަން ކުރުމަށް ތަކުރާރުކޮށް ދެކޮޅު ހަދާފައެވެ.

ނަމަވެސް 15 މަސްވަންދެން އިސްރާއީލު ދެކޮޅު ހެދުމަށްފަހު އެންމެފަހުން މިޖެހުނީ ހަމާސްގެ ޝަރުތުތަކަށް ބޯލަނބާށެވެ. ގޮތްދޫކޮށް ބަލި ގަބޫލުކުރާށެވެ. ބާރުގެ ބޭނުންކޮށްގެން މީހުން މަރައިގެން ހޮސްޕިޓަލްތަށް ފުނޑައިގެން މަގުސަދު ހާސިލްނުވިކަން ގަބޫލުކުރާށެވެ.

އިސްރާއީލުގެ ޒަޔަނިސްޓް ފިކުރާ ދެކޮޅު ނޫހެއްކަމަށްވާ "ހާއާރެޓްސް" ބުނާގޮތުން އިސްރާއީލުން ޣައްޒާ ހިފިޔަސް އަދި ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ގެދޮރަށް ބޮންއަޅައި ބިމާހަމަކޮށް 45 ހާހަށް ވުރެގިނަ އާންމުން މަރައި 150 ހާހަށް ވުރެ ގިނަ މީހުން ޒަޚަމްކުރިޔަސް އަދި ކާބޯތަކެތިން މަހްރޫމްކޮށް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސިޔަސް ޣައްޒާގައި އިސްރާއީލަށް އެއްވެސް ކާމިޔާބެއް ނުލިބެއެވެ.

އަދި ޣައްޒާގައި ހަނގުރާމަކުރާ ހަމާސްގެ އިތުރުން އިސްލާމިކް ޖިހާދު ޖަމާއަތް ވެސް ބައްޔެއް ނުކުރެވެއެވެ. އިސްރާއީލުން ގެންގުޅޭ ޒަޔަނިސްޓް ސިޔާސަތުތަކާ އިދިކޮޅު ނޫސް "ހާއާރެޓްސް" ބުނާގޮތުން އިސްރާއީލު ބާރުގެ ބޭނުންކޮށްގެން ޣައްޒާގެ އިތުރުން މުޅި މެދުއިރުމަތި ހިފިޔަސް އެއީ އިސްރާއީލަށް ކާމިޔާބު ލިބުމެއް ނޫނެނެވެ. ސަބަބަކީ އެއީ ވަގުތީ ކަމަކަށްވާތީއެވެ. އެއީ އިސްރާއީލުގެ ބިންކަމަށް ނުވާތީއެވެ. އެންމެ ފަހުން އިސްރާއީލު ޖެހޭނީ އެބިންތަކުން ފައިބަން ކަމަށް ވާތީއެވެ.

ބާރުގެ ބޭނުންކޮށްގެން ގިނަ ބިންތަކެއް ހިފުމުގައި އިސްރާއީލު ވަގުތީ ކާމިޔާބެއް ހޯދިނަމަވެސް އެއީ ދާއިމީ ކަމަކަށް ނުވާނެތީއެވެ. އަދި ގިނަ ބިންތަކެއް އަތްދަށުލައިގެން އެތަންތަން ދާއިމީ ގޮތަކަށް ބެލެހެއްޓުމުގެ ގާބިލްކަން ވެސް އިސްރާއީލުގައި ނެތުމުންނެވެ. އެއީ އެތަންތަން މިނިވަންކުރުމުގެ ރެސިސްޓެންސް ހަރަކާތްތަށް ދިގުމުއްދަތަކަށް ސަޕްރެސް ކުރުމުގެ މޭން ޕަވާ (އިންސާނީ ވަސީލަތްތައް) އިސްރާއީލުގެ ކިބައިގައި ނެތީމައެވެ.

އިސްރާއީލު ވަނީ ދެކުނު ލުބްނާން ހިފައިގެން ވެސް އަހަރުތަކެއް ވަންދެން އޮތުމަށްފަހު ހިޒްބުﷲ ގެ ރެސިސްޓެންސް ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ގިނަބަޔަކު މަރުވަމުންދާތީ އެކަމަށް ކެތްނުވެގެން އެންމެފަހުން 2001ވަނަ އަހަރު ދެކުނު ލުބްނާނުން ކުއްލި ގޮތަކަށް ފައިބާފައެވެ.

ޣައްޒާއިން ވެސް ނުފައިބާނެކަމަށް އިސްރާއީލު ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް މިއަދު މިވަނީ ޣައްޒާއިން ވެސް ފޭބުމަށް އެންމެފަހުން އިސްރާއީލު އެއްބަސްވެފައެވެ. އިސްރާއީލު ޑީލަކަށް އެއްބަސްވީ އެންމެ ކުރިން ފެށިގެންވެސް ހަމާސް ޖަމާއަތުން އެކަމަށް އެދެމުން ދިޔަ ގޮތަށެވެ.

ޣައްޒާގެ ހަމަލާތައް ހުއްޓާލުމުގެ ޑީލަށް ނަތަންޔާހޫ އެއްބަސްވެއްޖެނަމަ ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުން ވަކިވެ އެސަރުކާރު ރޫޅާލާނެ ކަމުގެ އިންޒާރުތައް ތަކުރާރުކޮށް ދިން އިސްރާއީލުގެ ކަނާތު ފިޔައިގެ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ދެ ވަޒީރުންކަމަށްވާ ބެންގަވީރު އާއި ބިތަސްއީލު ސުމޮތްރިޗް ވެސް އެންމެފަހުން އޭނާގެ ސަރުކާރުން ވަކިވެ އިސްތިއުފާދޭކަށް ނުކެރުނެވެ. އެދެ ވަޒީރުން ބުނަމުން ދިޔައީ މި ޑީލްއަކީ ހަމާސް އަށް އަމާން ދިނުންކަމުގައެވެ.

ޓްރަމްޕް މިޑީލް އިއުލާން ކުރެއްވުމުން އެދެވަޒީރުން ވަނީ މަގާމުން އިސްތިއުފާ ދޭން ނުކުރި ފަހަތު ފަޔަށް ބުރަވެފައެވެ.

ޣައްޒާގެ ހަމަލާތައް ހުއްޓާލުމުގެ ޑީލަށް އެއްބަސްވާން ނަތަންޔާހޫ އަށް މަޖުބޫރުވީ ޣައްޒާ ފުނޑުފުނޑުކޮށްލައިގެން އަދި 45 ހާހަށް ވުރެ ގިނަ މީހުން މަރައި ހޮސްޕިޓަލްތަކާއި ގެދޮރު ފުނޑާލައި ޣައްޒާ ބިމާ ހަމަކޮށްލައިގެން ވެސް ހަމާސް ބަލިކުރުމަށާއި ބާރުގެ ބޭނުންކޮށްގެން ރަހީނުން މިނިވަންކުރުން ފަދަ އޭނާގެ އަސްކަރީ މަގުސަދުތައް ހާސިލް ކުރުމުގައި މުޅިން ނާކާމިޔާބު ވުމާއެކު ޓްރަމްޕްގެ ފިއްތުންތައް ވެސް އޭނާއަށް ކުރިމަތިވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު