ވިއްސާރައިގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ދިން 44 މީހުން އާންމު ހާލަތަށް ރުޖޫއަވެއްޖެ: އެންޑީއެމްއޭ

މާލޭގައި ފެންބޮޑުވެފައި: އެންޑީއެމްއޭއިން ބުނީ ވަގުތީ ބޯހިޔާވަހިކަން ދިން 44 މީހުން އާންމު ހާލަތަށް ރުޖޫއަވެއްޖެ ކަމަށް -- ސަން ފޮޓޯ/ މުހައްމަދު މާވީ

އިއްޔެ މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ހަތް ގޭބިސީއަކަށް ފެންވަދެގެން، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން 44 މީހުން މިހާރު އާންމު ހާލަތަށް ރުޖޫއަވެ، އަމިއްލަ ގެތަކަށް ބަދަލުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އިއްޔެ މާލެއަށް ވެހުނު ވާރޭގެ ސަބަބުން ގޭބީސީތަކަށް ފެންވަދެ، ގެއްލުންތަކެއް ވަނީ ވެފަވެއެވެ. އެގޮތުން އިއްޔެ ހެނދުނު 06:00 އާ ހަމައަށް މާލެއިން 6،835 ޓަނުގެ ފެން ވަނީ ހިއްކިފައެވެ.

އަދި ފެން ވަނުމުގެ ސަބަބުން އެ މީހުންނަށް ވަގުތީ ހިޔާ ފޯރުކޮށްދިނީ އެ މީހުން ދިރިއުޅޭ ގެތަކުގެ ފާޚާނާތަކުން ނަޖިސް ލީކުވުމާއި، ކައްކައި، ކައިބޮއެ ހެދުމަށް ބުރޫ އަރާފަދަ ކަންކަން މެދުވެރިވެ، އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވުމުގެ ސަބަބުންނެވެ.

https://sun.mv/201234

އެންޑީއެމްއޭއިން "ސަން" އަށް މައުލޫމާތުދިން ގޮތުގައި އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވަނީ އެއް ދުވަހަށެވެ. އެހެންކަމުން މިހާރު އެމީހުން ވަނީ އަމިއްލަ ގެތަކަށް ބަދަލުވެފައެވެ.

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން، ފެން ހިންދުމަށް އެމްއެންޑީއެފް، ފަޔާ އެންޑް ރެސްކިޔު ސާވިސްއިން، މާލޭގެ އަށް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް އިއްޔެ ވަނީ ކޮށްފައެވެ.

މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުން މާލޭގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުން ލިބޭ މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރު ވެސް ވެފައެވެ.

މާދަމާއިން ފެށިގެން އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ވެސް ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް