މިއަދު މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ހަތް ގޭބިސީއެއްގެ 44 މީހަކަށް އެއް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިންމުގެ އިންތިޒާމު ހަމަޖައްސާދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.
އެންޑީއެމްއޭއިން އެކްސްގައި ކުރި ޕޯސްޓްއެއްގައި ވަނީ ހަތް ގޭބިސީ އެއްގެ 44 މީހަކަށް އެއް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިންމުގެ އިންތިޒާމު ހަމަޖައްސާދީފައިވާ ކަމަށެވެ.
އެ އޮތޯރިޓީން ބުނީ އެ މީހުންނަށް ވަގުތީ ހިޔާ ފޯރުކޮށްދިނީ އެ މީހުން ދިރިއުޅޭ ގެތަކުގެ ފާޚާނާތަކުން ނަޖިސް ލީކުވުމާއި، ކައްކައި، ކައިބޮއެ ހެދުމަށް ބުރޫ އަރާފަދަ ކަންކަން މެދުވެރިވެ، އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާތީ ކަމަށެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ ބުނެފައެވެ.
ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން، ފެން ހިންދުމަށް އެމްއެންޑީއެފް، ފަޔާ އެންޑް ރެސްކިޔު ސާވިސްއިން، މާލޭގެ އަށް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މިއަދުގެ 06:00 އާ ހަމައަށް މާލެއިން 6،835 ޓަނުގެ ފެން ހިއްކިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުން މާލޭގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުން ލިބޭ މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރު ވެސް ވެފައެވެ.