ހުވަފެން ހަގީގަތަކަށް، ކާތިކް އިންޖިނިއަރިން ޑިގުރީ ފުރިހަމަކޮށްފި

ބޮލީވުޑްގެ އެކްޓަރު ކާތިކް އާރްޔަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ އެކްޓަރު ކާތިކް އާރްޔަން އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަން ދުށް ހުވަފެން އެންމެ ފަހުން ހަގީގަތަކަށް ހަދައިފިއެވެ.

ކާތިކް ވަނީ އިންޖިނިއަރިން ދާއިރާއިން ޑިގުރީ ފެންވަރަށް ކިޔެވުމަށް ފަހު މުމްބާއީގެ ޑީވައި ޕަޓިލް ޔުނިވަސިޓީން ކިޔެވުން ނިންމާލާ ގްރެޖުއޭޓުވިކަން ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ.

ބީޓެކް-ޑިގްރީ ސެޓްފިކެޓާ ހަވާލުވުމަށް އެ ޔުނިވަސިޓީގައި ބޭއްވި ހަފުލާގެ ވީޑިއޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ކާތިކް ބުނީ، އެއީ ވަރަށް ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތް ކަމަށާއި އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީ ހާސިލުކުރުމަކީ އޭނާ ވަރަށް ޒަމާންވަންދެން ދުށް ހުވަފެނެއް ކަމަށެވެ.

ބޮލީވުޑްގެ އެކްޓަރު ކާތިކް އާރްޔަން މަންމަ އަދި ކޮމޭޑިއަން ކަޕިލް ޝަރުމާއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކާތިކް ވަނީ އެކްޓަރާ އެކު ކިޔެވި ޒުވާން ދަރިވަރުންނަށާއި އެ ޔުނިވަސިޓީގެ ލެކްޗަރާއިންނަށް ވެސް ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ކާތިކްގެ އާއިލާގެ ހުރިހާ މެންބަރުންނަކީ ވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުން ތިބި އާއިލާއެކެވެ. ކާތިކްގެ މަންމައަކީ އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެކެވެ. އެކްޓަރުގެ ބައްޕަ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނައިރު ކާތިކްގެ އަންހެން ކޮއްކޮއަކީ ވެސް ޑޮކްޓަރެކެވެ.

ކާތިކްގެ އާއިލާ ދާދި ފަހުން ބައިވެރި ނެޓްފްލިކްސްގެ ޝޯ 'ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ'ގައި ކާތިކްގެ މަންމަ ބުނެފައިވަނީ ބޭނުންވީ ކާތިކް ވެސް ސިއްހީ ދާއިރާއިން ކުރިއަށްދާން ކަމަށެވެ. ނަމަވެސް، ކުޑައިރުއްސުރެ ވެސް ކާތިކް ބޭނުންވީ އެކްޓުކުރަން ކަމަށް އެކްޓަރުގެ މަންމަ ވަނީ ބުނެފައެވެ.

މަންމަ އެދުނު ގޮތަށް ކާތިކް ޑޮކްޓަރަކަށް ނުވުމުން ދަނބިދަރިއެއްގެ ގޮތުގައި ގެންނަންވާނީ ޑޮކްޓަރެއް ކަމަށް ކާތިކް ގާތު ބުނެފައިވާނެ ކަމަށް އެކްޓަރުގެ މަންމަ ވަނީ ބުނެފައެވެ. ކާތިކް ފިލްމީ ދާއިރާއަށް ތައާރަފުވިއިރު އައީ އިންޖިނިއަރިން ދަރިވަރެއްގެ ގޮތުގައި ތައުލީމު ހާސިލުކުރަމުންނެވެ.

ނަމަވެސް، ފުރަތަމަ ފިލްމު "ޕިޔާރު ކާ ޕަންޗްނާމާ"އިން ފުރުސަތު ލިބުމާ ގުޅިގެން ކާތިކް ވަނީ ކިޔެވުން މެދުކަނޑައިލާފައެވެ. އެއަށް ފަހު 2018 ވަނަ އަހަރު ރިލީޒްކުރި ކާތިކްގެ ފިލްމު "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ"އިން ބޮޑު މަގުބޫލުކަމެއް ލިބި ކިޔެވުމަށް ވަގުތު ނުދެވުނީ ކަމަށް ކާތިކް ވަނީ ބުނެފައެވެ. ކާތިކްގެ އެންމެފަހުން ރިލީޒްކުރި ފިލްމަކީ މިދިޔަ ނޮވެމްބަރު މަހު ރިލީޒްކުރި ފިލްމު "ބޫލް ބުލައްޔާ 3"އެވެ.

comment ކޮމެންޓް