ރާއްޖޭގައި ހުންނަ ބްރިޓިޝް ހައި ކޮމިޝަނަރު ކެރޮން ރޯސްލާ ދިރިއުޅުއްވާ ގޭގައި ބޮޑުކުރި ރުކެއް މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިންދައިފިއެވެ.
ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު ކޮރެން މިހާރު އަންނަނީ އެނބުރި ގައުމަށް ވަޑައިގަތުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ސަފީރަށް އަލްވަދާއު ކިޔުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބޭއްވި ހަފުލާއެއްގައި ވަނީ އޭނާގެ ގޭގައި ބޮޑުކުރި ދިވެހި ރުކެއް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އިންދާފައެވެ.
އެޗްޑީސީން ބުނީ މި ރުކަކީ ކެރޮން ރޯސްލާ ޝަރަފުގައި އިންދި ރުކެއް ކަމަށާއި މިއީ ސަފީރުކަމުގައި ރާއްޖެއަށް ކެރޮން ރޯސްލާ ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް ދަތުރުގެ ހުރިހާ ކަމެއްގައި ކާމިޔާބު ލިބުމަށް އޭދޭކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އިނގިރޭސި ސަފީރު ކެރޮން ރޯސްލާ ގޭގައި ބޮޑުކުރި ރުއް ސެންޓްރަލް ޕާކުގައި އިންދައިފި --- ފޮޓޯ/ އެޗްޑީސީ
ބްރިޓިޝް ހައި ކޮމިޝަނަރުގެ މަގާމަށް ކެރޮން ވަޑައިގަތީ 2019ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ގައެވެ. އޭނާއަކީ ރާއްޖޭގައި ބްރިޓިޝް ހައި ކޮމިޝަން އަލަށް ހުޅުވައި، ސަފީރަކަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާއެވެ.