ގައުމުގެ ހަމަޖެހުން ނަގައިލަން އެއްވެސް ބަޔަކު އެއްވެސް ކަމެއްކޮށްފިނަމަ، ގައުމީ ވިސްނުމެއްގައި އެ ކަން ހުއްޓުވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފިއެވެ.
އެ މނަިކުފާނު މިހެން ވިދާޅުވީ ގއ. މާމެންދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްވަނީ ގައުމުގެ ތަރައްގީ ކުރެވެން އޮތީ ގައުމުގައި ހަމަޖެހުން އޮވެގެންކަން ފާހަގަކުރައްވައިފައެވެ. އަދި އެ ކަމަށް ޓަކައި ސަރުކާރުންދޭ އިސްކަން، އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ގއ. މާމެންދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމެއްގައި ސިޔާސީ ގޮތުން އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާނެ ކަމަށާއި، ބަދަލު ހިފުމެއް ވެސް ނޯންނާނެ ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުން ގާއިމްކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.
"މި ގައުމުގައި ސިޔާސީ ފަރާތްތަކަށް، އަދި އެ ނޫން ވެސް ބަޔަކަށް މި ހަމަޖެހުން ނަގައިލުމަކަށް އަޅުގަނޑެއް ޖާގައެއް ނުދޭނަން. އެއްވެސް ފުރުސަތެއް އެ ކަމަށް ނުދޭނަން. އެ ކަމަށް އެއްވެސް ބަޔަކު، އެއްވެސް ކަމެއް ކުރަން މަސައްކަތްކޮށްފިނަމަ، އަޅުގަނޑު އެކަން ގައުމީ ވިސްނުމެއްގައި ހުއްޓުވައި، ގައުމުގެ ހަމަޖެހުން ޔަގީންކުރާނަން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައިވަނީ މާމެންދޫގެ ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް އެދިލެއްވި ކަންތައްތައް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ގއ. މާމެންދޫ ރައްޔިތުންނާ ބައްދަލު ކުރެއްވި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
އޭގެ ތެރޭގައި ހުއްޓިފައިވާ ނަރުދަމާގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމައި، އެއަށް ފަހު ކޮންޓްރެކްޓު ކުރެވިފައި އޮތް މަގުހެދުމުގެ މަޝްރޫއު ހަމަ އެ ގޮތަށް ހަލުވި ދުވެއްޔެއްގައި ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ރަށުގައި ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ރަށްގިރުމަށް، ކައުންސިލުން އެދުނު ގޮތަށް ވަގުތީ ހައްލު ގެނެސްދިނުމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީއާ ގުޅިގެން ކުރިޔަށްދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ގއ. މާމެންދޫ ރައްޔިތުންނާ ބައްދަލު ކުރެއްވި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
އަދި އެ ރަށުގެ ސިއްޙީ މަރުކަޒުން 24 ގަޑިއިރު ޚިދުމަތް ލިބޭނެ ގޮތަށް ތަރައްގީކޮށްދެއްވައި، މި އަހަރުގެ ތެރޭގައި އެ ރަށު ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް ދަތުރުފުޅެއް ފެއްޓެވީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ދަތުރުގެ ތެރެއިން އެ މަނިކުފާނަށް މިހާރު ވަޑައިނުގެންނެވި އޮތީ ވަރަށް މަދު ރަށަކަށެވެ.